ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުގެ އިންޒާރު ޓްރަމްޕަށް: އެއް ތެޔޮ ވަޅުގެ ބަދަލުގައި ހަތަރު ތެޔޮ ވަޅު ހަލާކުކޮށްލާނަން

އީރާނުގެ ނައިބު ރައީސް ޞަޤާބު އިސްފަހާނީ  ---
އީރާނުގެ ނައިބު ރައީސް ޞަޤާބު އިސްފަހާނީ ---

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރުތަކަށް ރައްދު ދެއްވަމުން، އީރާނުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުމެއް ދީފިނަމަ އޭގެ ހަތަރު ގުނަ ބޮޑު ގެއްލުމެއް ދޭނެ ކަމަށް އީރާނުގެ ނައިބު ރައީސް އިސްމާއީލް ސަގާބް އިސްފަހާނީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ރަސްމީ މީޑިއާ 'އިރްނާ' އާ ހަވާލާދީ 'ޕާސް ޓުޑޭ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްފަހާނީ މިހެން ވިދާޅުވީ ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އަހަރެމެންގެ ހިސާބުތައް ތަފާތު: 1 ތެޔޮ ވަޅު = 4 ތެޔޮ ވަޅު،" އިސްފަހާނީ ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާގެ ބްލޮކޭޑެއްގެ ސަބަބުން އީރާނުގެ އެއްވެސް އިންފްރާސްޓްރަކްޗަރަކަށް، ހާއްސަކޮށް ތެޔޮ ވަޅުތަކަށް ގެއްލުން ލިބިއްޖެނަމަ، އެ އަމަލަށް ތާއީދުކުރާ ގައުމުތަކުގެ އެފަދަ ވަސީލަތްތަކަށް އޭގެ ހަތަރު ގުނަ ބޮޑު ގެއްލުމެއް ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ހަނގުރާމައިގެ ކޮންމެ އަމަލަކަށްވެސް އީރާނުން އެކަށީގެންވާ ރައްދު ދޭނެ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މި އިންޒާރު އައިސްފައިވަނީ އާދިއްތަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ބްލޮކޭޑްގެ ސަބަބުން ތިން ދުވަސް ތެރޭގައި އީރާނުގެ ތެޔޮ އިންފްރާސްޓްރަކްޗަރުތައް "ގޮވާނެ" ކަމަށް ބުނެ ޓްރަމްޕް ދިން ބަޔާނަކާ ގުޅިގެންނެވެ.

މި ވާހަކަތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.