ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ 250 ވަނަ މިނިވަން ދުވަހުގެ ހާއްސަ ޕާސްޕޯޓުގައި ޓްރަމްޕްގެ ފޮޓޯ ހިމަނަނީ

ޕާސްޕޯޓުގައި ވެރިންގެ ފޮޓޯ ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް --- ފޮޓޯ: އޭޕީ
ޕާސްޕޯޓުގައި ވެރިންގެ ފޮޓޯ ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް --- ފޮޓޯ: އޭޕީ

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ހާއްސަ ޕާސްޕޯޓުތަކެއްގައި ޓްރަމްޕްގެ ފޮޓޯ ޖެހުމަށް ސްޓޭޓް ޑިޕާޓްމަންޓުން ނިންމައިފި އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް ވެރިކަމުގައި ހުރި ރައީސެއްގެ ފޮޓޯ އެ ގައުމުގެ ދަތުރުފަތުރުގެ ރަސްމީ ލިޔެކިޔުމެއްގައި ހިމަނާ ފުރަތަމަ ފަހަރެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ، މި "ލިމިޓެޑް އެޑިޝަން" ޕާސްޕޯޓަކީ އަންނަ ޖުލައި މަހު ފާހަގަކުރާ އެމެރިކާގެ ބޮޑު ތާރީހީ މުނާސަބަތާ ގުޅިގެން ނެރޭ އެއްޗެއް ކަމަށެވެ. މި ޕާސްޕޯޓުގައި ޓްރަމްޕްގެ ފޮޓޯ އިންނާނީ 1776 ވަނަ އަހަރުގެ މިނިވަންކަމުގެ ބަޔާނުގެ މަތީގައެވެ. އޭގެ ތިރީގައި އޭނާގެ ސޮއި ރަންކުލައިން ފެންނަން ހުންނާނެ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި މި ހާއްސަ ޕާސްޕޯޓު ލިބޭނީ ހަމައެކަނި ވޮޝިންޓަންގައި ހުންނަ މައި އޮފީހަށް އަމިއްލައަށް ހާޒިރުވެގެން ޕާސްޕޯޓު ހަދާ މީހުންނަށެވެ. އާންމުކޮށް ޕޯސްޓް އޮފީސްތައް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭ މީހުންނަށް މި ފުރުސަތެއް ނޯންނާނެ އެވެ.

މި ނިންމުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓުން ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ޑިމޮކްރެޓުން ބުނަނީ ޓްރަމްޕްގެ އަމިއްލަ އެދުން ފުއްދުމަށް ޓެކްސް ފައިސާ އިސްރާފު ކުރުމުގެ ބަދަލުގައި، ސަރުކާރުން މާ މުހިންމު ސިޔާސީ މައްސަލަތަކަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، ޕާސްޕޯޓުގައި ވެރިންގެ ފޮޓޯ ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. ހުދުމުޚުތާރު ވެރިކަމެއް އޮންނަ އުތުރު ކޮރެއާގެ ޕާސްޕޯޓުގައި ވެސް ކިމް ޖޮންގް އުންގެ ފޮޓޯގެ ބަދަލުގައި ހުންނަނީ ގުދުރަތީ މަންޒަރުތަކެވެ. އެމެރިކާގެ ޕާސްޕޯޓުގައި ވެސް މިހާތަނަށް ބޭނުންކުރަމުން އައީ ސްޓެޗޫ އޮފް ލިބަޓީ އާއި ހަނދަށް އިންސާނުން ދިޔަ މަންޒަރު ފަދަ ތާރީހީ ރަމްޒުތަކެވެ.

ވެރިކަމަށް ދެވަނަ ފަހަރަށް އައި ފަހުން ޓްރަމްޕް ދަނީ ސަރުކާރުގެ އެކި ވަސީލަތްތަކުގައި އޭނާގެ ނަން ބޭނުންކުރަމުންނެވެ. އެގޮތުން ޑޮލަރު ނޫޓުތަކުގައި ވެސް ވަރަށް އަވަހަށް އޭނާގެ ސޮއި ފެންނަން ފަށާނެ ކަމަށް ޓްރެޒަރީން ވަނީ ހާމަކޮށްފަ އެވެ.