އީރާނާ ދެކޮޅަށް އެމެރިކާއިން ރޭވި އެއްވެސް ކަމެއް ކާމިޔާބެއް ނުވި: އަރާގްޗީ
އީރާނާ ދެކޮޅަށް އެމެރިކާއިން މިހާތަނަށް ރޭވި އެއްވެސް ކަމެއް ކާމިޔާބު ނުވިކަމަށް އީރާނުގެ ފޮރިން މިނިސްޓަރ އަރާގްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި އުދުވާނުގައި އެމީހުން ބޭނުންވި އެއްވެސް މަގްސަދެއް ހާސިލު ނުކުރެވުނު ކަމަށެވެ.
ރަޝިޔާގެ "ޗެނަލް ވަން" އަށް ދެއްވި ބަސްދީގަތުމެއްގައި އަރާގްޗީ މިހެން ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިން މޮޅުވީ އޭނާ ކަމަށް ޓްރަމްޕް ބުނަމުންދާތީ އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަރާގްޗީ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ބާރުގެ ގޮތުގައި ބެލެވޭ އެމެރިކާގެ އުދުވާނާ ކުރިމަތިލައި އީރާނުން ސާބިތުކަމާއެކު އޮތް ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
"އެމީހުންގެ އެއްވެސް އަމާޒެއް ހާސިލެއް ނުކުރެވުނު. އެހެންވެ މިހާރު އެމީހުން އެދެމުންދަނީ މަޝްވަރާ ކުރުމަށް. އަދި އީރާނުން ދަނީ އެކަމާ މެދު ވިސްނަމުން،" އަރާގްޗީ ވިދާޅުވިއެވެ.
މީގެ އިތުރުން ރަޝިޔާއާ އެކު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަރާގްޗީ ވިދާޅުވީ ރަޝިޔާއަކީ އީރާނުގެ "ސްޓްރެޓީޖިކް" ބައިވެރިއެއް ކަމަށެވެ. އަދި ރަޝިޔާއިން އަބަދުވެސް އީރާނަށް އެއްބާރުލުން ދޭ ކަމަށާއި، އީރާނުން ވެސް ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ގައުމުގެ ރައީސުން ސޮއިކުރެއްވި ފުރިހަމަ އިސްތިރާޖީ މުއާހަދާއަށް އިޝާާރާތް ކުރައްވައި އަރާގްޗީ ވިދާޅުވީ، ތެހެރާނާއި މޮސްކޯއާ ދެމެދު އޮތް މި ވަރުގަދަ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ދެމިއޮންނާނެ ކަމަށެވެ.
Ads by MACL
