ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޓްރަމްޕަކީ އެމެރިކާ ދުށް އެންމެ ގޯސް ރައީސް: ނިއުޔޯކް ޓައިމްސް

އީރާން ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ މަގޫލުކަން ދަނީ ގެއްލެމުން --- ފޮޓޯ: އޭޕީ
އީރާން ހަނގުރާމައިގެ ސަބަބުން ޓްރަމްޕްގެ މަގޫލުކަން ދަނީ ގެއްލެމުން --- ފޮޓޯ: އޭޕީ

ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައި ވެސް ފެނުނު އެންމެ ގޯސް ރައީސް ކަމަށް، އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް އިން ކަނޑައަޅައިފިއެވެ.

އެ ނޫހުން ޝާއިއުކުރި ތަޙުލީލީ ރިޕޯޓެއްގައި ބުނެފައިވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ޑިމޮކްރެޓިކް އާދަކާދަތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް މީގެ ކުރިން ދުވަހަކުވެސް ނުލިބޭ ފަދަ ބޮޑެތި އަދި ބިރުވެރި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެމެރިކާގެ ޝަރުޢީ ނިޒާމާއި، ޔުނިވަރސިޓީތަކާއި، އަދި ދުނިޔޭގެ އެހެން ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ވެސް ޓްރަމްޕް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. މި ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ދާޚިލީ މަސްލަހަތުތަކަށާއި ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް އޮތް އިތުބާރަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ނޫހުން ފާހަގަކުރެއެވެ.

ސިއްޙީ ދާއިރާއަށް ބަލާއިރު، ޓްރަމްޕް ވަނީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުގެ ބަޖެޓު ކަނޑާލައި، ކުރިއަށް ދިޔަ މުހިންމު ކްލިނިކަލް ޓްރަޔަލްތަކެއް ހުއްޓުވާފައެވެ. މި ނިންމުމުގެ ސަބަބުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުން ދިޔަ ގިނަ ބަޔަކަށް އެކަށީގެންވާ ފަރުވާ ނުލިބި، ދުވަސް ނުޖެހެނީސް މަރުވާން މެދުވެރިވި ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ތުހުމަތުކޮށްފައެވެ.

ހަމައެއާއެކު، ޓްރަމްޕް މިހާރު ހުރީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ސަލާމަތްނުވެވޭ ފަދަ ނުރައްކާތެރި ދަންތުރައެއްގައި ތާށިވެފައި ކަމަށް ނިއުޔޯކް ޓައިމްސް އިން ސިފަކުރެއެވެ. މި ހާލަތުން އަރައިގަތުމަށް އޭނާއަށް އޮތް ކޮންމެ މަގަކީ ވެސް، ހަނގުރާމަ ވަރުގަދަ ކުރިޔަސް ނުވަތަ ފަހަތަށް ޖެހުނަސް، އެމެރިކާއަށް ނުހަނު ބޮޑެތި ގެއްލުންތަކާއި މާލީ ބުރަ އުފުލަންޖެހޭނެ ކަމެކެވެ.

މި ހަނގުރާމަ ޓްރަމްޕް ފެށީ އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫ ދެއްކި ދޮގު ވާހަކަތަކާއި ވައުދުތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، ނަމަވެސް އީރާނުގެ ވަރުގަދަ ދިފާޢުގެ ސަބަބުން އެ ހުރިހާ ރޭވުމެއް މިހާރު ވަނީ ބޮލާލައި ޖެހިފައި ކަމަށް ރިޕޯޓުގައިވެއެވެ. ނަތަންޔާހޫ ދިން އުންމީދުތައް ފެނަށް ގޮސް، ޓްރަމްޕްގެ ހުރިހާ ހުވަފެންތަކެއް މިހާރު ވަނީ ބިލާހަކަށް ވެފައެވެ.

ހަނގުރާމައަށް ދެ މަސް ވެގެން ދިޔައިރު، ޓްރަމްޕް މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާ އަމިއްލައަށް އުފެއްދި މި ބޮޑު ކާރިސާގެ ތެރެއިން ސަލާމަތްވާނެ ގޮތެއް ނުފެންނާތީއެވެ. އެމެރިކާގެ ވެރިންނަށް މިހާރު ކުރިމަތިވެފައިވަނީ ހައްލެއް ނުފެންނަ ނުރައްކާތެރި މަރުތަޅެއް ކަމަށާއި، މި ކަމުން ސަލާމަތްވުމަކީ ޓްރަމްޕަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބުނެ ނިއުޔޯކް ޓައިމްސް އިން ވަނީ ފާޑުކިޔާފައެވެ.