ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް، ހަނގުރާމައިގެ ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: އިރަވާނީ

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، އާމިރު ސައީދު އިރަވާނީ ----
އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، އާމިރު ސައީދު އިރަވާނީ ----

އިސްރާއީލަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށާއި ހަނގުރާމައިގެ ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް އީރާނުގެ މަންދޫބު އިރަވާނީ ވިދާޅުވެއްޖެއެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، އާމިރު ސައީދު އިރަވާނީ ވިދާޅުވީ، އިސްރާއީލުގެ ޓެރަރިސްޓް ނިޒާމަކީ ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ދާއިމީ އަދި ސީރިއަސް ނުރައްކަލެއް ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން އިރަވާނީ ވިދާޅުވީ، އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުން ކަމަށެވެ. ގާޒާ އަދިވެސް އޮތީ ހިސާރުކޮށް ސުންނާފަތިކޮށްފައި ކަމަށާއި، އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ޚިލާފުވެ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ފުޅާކުރުމަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ހިންގާ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ މަންދޫބު އިތުރަށް ވިދާޅުވީ، އިސްރާއީލުގެ އުދުވާނުތައް ހަމައެކަނި ފަލަސްތީނަށް ހުއްޓިފައި ނުވާ ކަމަށެވެ. ސޫރިޔާގެ ސިޔާދަތަށް އަރައިގަތުމާއި، ގޯލާންގެ އުސްބިންތައް ހިފައިގެން އޮތުމުގެ އިތުރުން ލުބުނާނުގެ މިނިވަންކަމަށް އިސްރާއީލުން ދަނީ އަރައިގަންނަމުންނެވެ. އެހެންކަމުން ލުބުނާނުން އިސްރާއީލުގެ ސިފައިން ވަގުތުން ފޭބުމަށާއި، އާންމުންނަށް ދޭ ހަމަލާތައް ހުއްޓާލުމަށް މަޖުބޫރުކުރުވުމަށް ސަލާމަތީ މަޖިލީހަށް އޭނާ ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި އިރަވާނީ ވަނީ 2026 ވަނަ އަހަރުގެ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ ސިޔާދަތަށް އަރައިގަނެ ދިން ހަމަލާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އުދުވާނީ ހަމަލާތަކުގައި އީރާނުގެ މީނާބުގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ، 168 އަށްވުރެ ގިނަ ކިޔަވާ ކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

އޭޕްރީލް 8 އާ ހަމައަށް އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި 3,375 އަށްވުރެ ގިނަ އާންމުން މަރާލާފައިވާ އިރު، ތައުލީމީ، ސިއްހީ އަދި ސަގާފީ 700 އަށްވުރެ ގިނަ މަރުކަޒަށް ވަނީ ހަމަލާދީފައެވެ. އެހެންކަމުން، އެމެރިކާގެ ވެރިންނާއި ނަތަންޔާހޫ ފަދަ ހަނގުރާމައިގެ ކުށްވެރިން ކުރި ކުށްތަކަށް އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމީހުން ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށް އިރަވާނީ ބުންޏެވެ.

އިސްރާއީލުން އީރާނަށް ކުރާ ތުހުމަތުތައް ދޮގުކުރައްވަމުން އިރަވާނީ ވިދާޅުވީ، އިސްރާއީލަކީ އިސްތިއުމާރީ އަދި އުދުވާނީ ބައެއް ކަމުން، އެހެން ގައުމުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ގާނޫނީ ނުވަތަ އަޚްލާގީ ހައިސިއްޔަތެއް އެމީހުންގެ ނެތް ކަމަށެވެ.