ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ނަތަންޔާހޫގެ ނަން ދުނިޔޭގެ ގިނަ ބަޔަކަށް "ޝައިޠާނެއް" ފަދަ: އިސްރާއީލުގެ މީޑިއާ

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ----
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ----

އިސްރާއީލުގެބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ނަމަކީ މިހާރު ދުނިޔޭގެ ގިނަ ބައެއްގެ ކުރިމަތީގައި "ޝައިޠާނެއް" ފަދަ ނަމެއް ކަމަށް އިސްރާއިލްގެ މަޝްހޫރު ނޫސް އެޖެންސީ ޗެނަލް 12 އިން ރިޕޯޓްކޮށްފިއެވެ.

މިއީ އިސްރާއީލުގެ ބައިނަލްއަގުވާމީ މަގުބޫލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ މީޑިއާއިން ބުނެއެވެ.

އެ ޗެނަލުން ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ ގަދަރާއި ހައިބަތު ދުނިޔޭގެ ކުރިމަތީގައި ދަނީ ވަރަށް ބާރަށް ދަށަށްވެއްޓެމުންނެވެ. ޚާއްޞަކޮށް އިޓަލީ ފަދަ ގައުމުތަކުން އިސްރާއީލާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މިއީ ފާހަގަނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް އެ ނެޓްވޯކުން ބުނެއެވެ.

"އިސްރާއީލުގެ މަގާމު ދަނީ ހަމައެކަނި ސިޔާސީ މައިދާނަކު ނޫން، ދުނިޔޭގެ އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކުގެ މެދުގައި ވެސް ވަރަށް ބޮޑަށް ދަށަށް،" ޗެނަލް 12 އިން ރިޕޯޓްކޮށްފައިވެއެވެ.

މި ރިޕޯޓު އައިސްފައި މިވަނީ، އިސްރާއީލުގައި ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ވެސް ނަތަންޔާހޫއަށް އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ވޯޓުތަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި އުފެދޭ ސަރުކާރެއްގެ ބޮޑުވަޒީރުކަމަށް ނަތަންޔާހޫ އައުމަށް އޮތް ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.