ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ފާރިސީ ކަނޑުއޮޅިއާއި ހޯރްމުޒް ކަނޑުއޮޅިއަށް އާ ބާބެއް ފެށިއްޖެ: މުޖުތަބާ ޚާމަނާއީ

އިސްލާމީ އިންގިލާބުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ހުސައިނީ ޚާމަނާއީ ---
އިސްލާމީ އިންގިލާބުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ހުސައިނީ ޚާމަނާއީ ---

ފާރިސީ ކަނޑުއޮޅީގެ ގައުމީ ދުވަހާ ގުޅިގެން އިސްލާމީ އިންގިލާބުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ސައްޔިދު މުޖުތަބާ ހުސައިނީ ޚާމަނާއީ ދެއްވި މެސެޖެއްގައި، އެ ސަރަހައްދަށް އާ ބާބެއް ފެށިފައިވާކަމަށް އިއުލާން ކުރައްވައިފިއެވެ.

އޭޕްރީލް 30، 2026 ގައި ދެއްވި މި މެސެޖުގައި އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އެމެރިކާއިން އެ ސަރަހައްދުގައި ހިންގި އެންމެ ބޮޑު އަސްކަރީ ކެމްޕޭނާއި އުދުވާން ނާކާމިޔާބުވެ، ލަދުވެތި ގޮތަކަށް ބަލިވެފައިވާ ކަމަށެވެ. އަދި މީގެ ދެ މަސް ކުރިން ފެށިގެން ހިނގި މި ހާދިސާތަކާއެކު، ފާރިސީ ކަނޑުއޮޅިއާއި ހޯރްމުޒް ކަނޑުއޮޅީގެ ސަލާމަތީ އަދި އިގްތިސާދީ ކަންކަމުގައި އާ ފެށުމަކަށް އައިސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލީޑަރުގެ މެސެޖުގައި ފާރިސީ ކަނޑުއޮޅިއަކީ އިސްލާމީ އުންމަތަށާއި، ވަކިން ހާއްސަކޮށް އީރާނުގެ ރައްޔިތުންނަށް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ތާރީޚީ ގޮތުން ޕޯޗުގީޒުންނާއި، ޑަޗުން އަދި އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް އީރާނުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، މިއަދު އެމެރިކާގެ ބާރު އެ ސަރަހައްދުގައި ކެނޑިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

"އެމެރިކާގެ ހުސް ބޭސްތަކަކީ އެތަންތަނުގެ އަމިއްލަ ސަލާމަތްވެސް ރައްކާތެރި ނުކުރެވޭ ތަންތަން. އެމެރިކާއަށް ބަރޯސާވެގެން ތިބި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ބާރެއް މިއަދަކު އެމެރިކާއަކު ނެތް،" ލީޑަރުގެ މެސެޖުގައި ވެއެވެ.

މީގެ އިތުރުން، ހޯރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގައި އީރާނުން އާ ގާނޫނީ އުސޫލުތަކަކާއި މެނޭޖްމަންޓެއް ތައާރަފުކުރާނެ ކަމަށްވެސް އިއުލާން ކުރެއްވިއެވެ. މި އާ އުސޫލުތަކުގެ ސަބަބުން ސަރަހައްދުގެ ހުރިހާ ގައުމުތަކަކަށް އިގްތިސާދީ މަންފާއާއި އަމާންކަން ލިބިގެންދާނެ ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ސަރަހައްދު ސަލާމަތްކުރެވޭނެ ކަމަށް އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވިއެވެ.

މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، އީރާނުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ނިއުކްލިއަރ އަދި މިސައިލް ގާބިލުކަމަކީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ބޭނުންކުރާނެ ވަސީލަތްތައް ކަމަށެވެ. އަދި ކުރިމަގުގައި ފާރިސީ ކަނޑުއޮޅި އޮންނާނީ އެމެރިކާގެ އެއްވެސް ނުފޫޒެއް ނެތް، ސަރަހައްދުގެ ގައުމުތަކުގެ އެއްބާރުލުމާއެކު ހިންގާ އަމާން ތަނެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.