އެމެރިކާގެ ދޮގުތަކަށް އީރާނުގެ މަޖިލިސް ރައީސް ވަރުގަދަ ރައްދެއް ދެއްވައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެގައުމުގެ ޓްރެޜަރީ ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުތަކަށް އީރާނުގެ މަޖިލިސްގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ގާލިބާފް މި ރައްދު ދެއްވީ އީރާނުގެ ތެޔޮ ވަޅުތަކެއް ގޮއްވާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވީ، އީރާނުގެ އެއްވެސް ތެޔޮ ވަޅެއް ގޮވާފައި ނުވާތާ މިހާރު ތިން ދުވަސް ވެފައިވާ ކަމަށެވެ. އަދި ބޭނުންނަމަ ކުރިއަށް އޮތް 30 ދުވަހު ތެޔޮ ވަޅުތަކުގެ މަންޒަރުތައް ވަގުތުން ދުރަށް ދެއްކުމަށް (ލައިވް ކުރުމަށް) ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އޭނާ ވަނީ އެމެރިކާގެ ދައުވާތަކަށް ގޮންޖައްސަވާފައެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް ފާޑުވިދާޅުވަމުން ގާލިބާފް ވިދާޅުވީ، އެމެރިކާ ސަރުކާރަށް ލިބެމުންދަނީ ވަރަށް ދަށު ފަންތީގެ އަދި މޮޔަ ލަފާތަކެއް ކަމަށެވެ. އަދި މިފަދަ ވިސްނުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރުވެސް 120 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އަގު 140 ޑޮލަރަށް އަރާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
އީރާނުގެ މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، މައްސަލައަކީ ހަމައެކަނި ނުބައި ޚިޔާލުތަކެއް ނޫން ކަމަށާއި، މައްސަލައަކީ އެމެރިކާގެ ގެންގުޅޭ ނުބައި ވިސްނުމާއި މެންޓަލިޓީ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ މިހާރުގެ ސަރުކާރަކީ ޓެރަރިސްޓް ނިޒާމެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.
Ads by MACL
