ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެޒޯންގެ 29 ސެޓެލައިޓާއެކު ޔޫ.އެލް.އޭ ގެ އެޓްލަސް-5 ރޮކެޓް ކާމިޔާބުކަމާއެކު ޖައްވަށް އުދުއްސާލައިފި

އެމެޒޯންގެ 29 ސެޓެލައިޓާއެކު ޔޫ.އެލް.އޭ ގެ އެޓްލަސް-5 ރޮކެޓް ކާމިޔާބުކަމާއެކު ޖައްވަށް އުދުއްސާލައިފި

އެމެރިކާގެ ޔުނައިޓެޑް ލޯންޗް އެލަޔަންސް (ޔޫ.އެލް.އޭ) ގެ އެޓްލަސް-5 ރޮކެޓް ބޭނުންކޮށްގެން އެމެޒޯންގެ "ޕްރޮޖެކްޓް ކުއިޕާ" ގެ 29 ސެޓެލައިޓެއް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ.

މި ލޯންޗް ކުރުން ކުރިއަށް ގެންގޮސްފައިވަނީ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަނުން، އެ ސަރަހައްދުގެ ގަޑިން ރޭގަނޑު 8:53 ގައެވެ.

ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެޓްލަސް-5 ރޮކެޓުން ކުރި މި ދަތުރަކީ ޕްރޮޖެކްޓް ކުއިޕާގެ ހަވަނަ މިޝަނެވެ. މި މިޝަނާއެކު އެޓްލަސް-5 ރޮކެޓުން ވަނީ 18 ޓަނުގެ ޕޭލޯޑް އުފުލައި، އެ ރޮކެޓުން މިހާތަނަށް އެންމެ ބަރު ތަކެތި އުފުލުމުގެ ރެކޯޑް އާކޮށްފައެވެ. ޔޫ.އެލް.އޭ އިން ހާމަކުރި ގޮތުގައި މި ލޯންޗަށް ތައްޔާރުވުމަށް 14 ގަޑިއިރުގެ ހަރުދަނާ ސްޓްރީމްލައިން ޕްރޮސެސްއެއް ވަނީ ބޭނުންކޮށްފައެވެ.

މި ދަތުރުގައި ބޭނުންކޮށްފައިވަނީ ފަސް ސޮލިޑް ރޮކެޓް ބޫސްޓަރާއި 5.4 މީޓަރުގެ ފެއަރިން ހިމެނޭ އެޓްލަސް-5 551 ކޮންފިގަރޭޝަނެވެ. ރޮކެޓްގެ ސެންޓޯ އަޕަރ ސްޓޭޖުން ސެޓެލައިޓްތައް ވަނީ 10 ގްރޫޕަކަށް ބަހާލައި، ރޮކެޓް އުދުއްސާލިތާ 21 މިނެޓާއި 37 މިނެޓާ ދެމެދު ކާމިޔާބުކަމާއެކު ޖައްވުގެ ތެރެއަށް ވަކިވަކިން ދޫކޮށްލާފައެވެ.

އެމެޒޯންގެ ޕްރޮޖެކްޓް ކުއިޕާގެ މަގްސަދަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަލުވި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މި ފަހަރު ފޮނުވާލި 29 ސެޓެލައިޓާއެކު މިހާރު ޖައްވުގައިވާ ކުއިޕާ ސެޓެލައިޓްތަކުގެ ޖުމްލަ އަދަދު ވަނީ ގާތްގަނޑަކަށް 270 އަށް އަރާފައެވެ. މި ސެޓެލައިޓްތައް ފުރަތަމަ ބިމުން 465 ކިލޯމީޓަރު މަތީގައި ހުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ތަކެތި 630 ކިލޯމީޓަރުގެ އޮޕަރޭޝަނަލް އުސްމިނަށް ޖައްސާނެ ކަމަށް އެމެޒޯންގެ ޓީމުން މައުލޫމާތު ދެއެވެ.

ޔޫ.އެލް.އޭ އިން ވަނީ ކުއިޕާ ސީރީޒްގެ ދެން އޮތް ލޯންޗް، "ލިއޯ-07" މި މަހުގެ 22 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. އެ ދަތުރުގައިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޓްލަސް-5 ރޮކެޓެވެ.