ގަނާކުރުން ހުއްޓުވުމަށާއި ނަފުސުގެ އަމާނާތް ރައްކާތެރިކުރުމަށް ޚުތުބާގައި ގޮވާލައިފި
މުޖުތަމަޢުގައި ފެތުރެމުންދާ ގަނާކުރުމުގެ ނުބައި ވަބާއިން ދަރިން ސަލާމަތްކުރުމަށް ޤާނޫނީ ފިޔަވަޅުތައް ހަރުދަނާކުރުމަށާއި، އިންސާނާގެ ނަފުސަކީ މާތް ﷲ ދެއްވާފައިވާ މުގައްދަސް އަމާނާތެއްކަން ހަނދާންކޮށްދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ދައުލަތުގެ މުއައްސަސާތަކަށާއި ބެލެނިވެރިންނަށް ގޮވާލައިފިއެވެ.
"ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!" މި މައުޟޫއަށް އިއްވި ޚުތުބާގައި، އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ އެއްވެސް މައްސަލައަކަށް އޮތް ހައްލެއް ނޫންކަމާއި، އެއީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަން ވަނީ ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، ދިރިއުޅުމުގެ އިމްތިޙާނުތަކާ ކުރިމަތިލާއިރު ކެތްތެރިވުމުގެ ބަދަލުގައި އަމިއްލައަށް މަރުވުމުގެ މަގު އިޚްތިޔާރުކުރުމަކީ އަމާނާތަށް ޚިޔާނާތްތެރިވުމެވެ. މިފަދަ އަމަލުތަކުން މީސްތަކުން ދުރުހެލިކުރުވުމުގެ ގޮތުން، އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ރަސޫލާ ($SAW$) ކަށުނަމާދު ނުކުރައްވާކަން ޚުތުބާގައި ބަޔާންކުރިއެވެ. ނަމަވެސް، ޢިލްމުވެރިންގެ ބަހަކީ އެފަދަ މީހުންނަށް އާންމު މުސްލިމުން ކަށުނަމާދު ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، މުޖުތަމަޢުގެ އިސްވެރިން އެކަމުގެ ނުރުހުން ހާމަކުރުމުގެ ގޮތުން އެފަދަ މީހުންގެ ކަށުނަމާދުގައި ބައިވެރިނުވުން އެދެވިގެންވާ ކަމަށް ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި އެންމެ ބޮޑު ބާރެއް އެޅި އެއް ކަމަކީ 'ބުލީކުރުން' ނުވަތަ 'ގަނާކުރުން' ހުއްޓުވުމެވެ. މީހުންނަށް ފުރައްސާރަކުރުމާއި، ސައިބާ ކްރައިމްގެ ޒަރީޢާއިން މީހުންގެ އަބުރަށް އަރައިގަތުމަކީ ނަފްސާނީ ގޮތުން މީހުން ބަލިކަށިކޮށްލާ ކަމެއްކަން ފާހަގަކުރިއެވެ. ބަހާއި އަމަލުން ލިބޭ މިފަދަ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި މުދައްރިސުންނާ ވާހަކަދައްކަން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ކުދިން ދުނިޔެ ދޫކުރަމުންދާކަމާމެދު ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.
ޚުތުބާ ނިންމާލަމުން، ދަރިންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ދިމާވާ ގޮންޖެހުންތަކުގައި އެހީތެރިވުމަށް ބެލެނިވެރިންނަށް ނަޞޭޙަތްތެރިވިއެވެ. އަދި ކެތްތެރީންނަށް މާތް ﷲ ސުވަރުގެ ވަޢުދުވެވޮޑިގެންފައިވާކަން ހަނދާންކޮށްދީ، ހުރިހާ ހާލަތެއްގައިވެސް މާތް ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާނުލުމަށް އިލްތިމާސްކުރިއެވެ.
Ads by MACL
