ބިމުއަޑީގައި ވަޅުލާފައިހުރި ބޮންތަކެއް ނައްތާލުމުގެ އޮޕަރޭޝަނެއްގައި އީރާނުގެ 14 ސިފައިން މަރުވެއްޖެ
އީރާނުގެ ހުޅަނގު އުތުރުގެ ޒަންޖާން ޕްރޮވިންސްގައި ބިމުގައި ވަޅުލާފައި ހުރި ގޮވާތަކެތި ނައްތާލުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ 14 ސިފައިން މަރުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީން އައިއާރުޖީސީއާ ހަވާލާދީ ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހު ހިންގި ނުރައްކާތެރި އޮޕަރޭޝަނެއްގެ ތެރޭގައެވެ. ދުޝްމަނުން ދިން ވައިގެ ހަމަލާތަކެއްގައި ބޭނުންކުރި ކްލަސްޓާ ބޮމާއި މައިންތަކުގެ ސަބަބުން ޒަންޖާން ޕްރޮވިންސްގެ ދަނޑުވެރިކަން ކުރާ ގާތްގަނޑަކަށް 1,200 ހެކްޓަރުގެ ސަރަހައްދެއް ވަނީ ތަޣައްޔަރުވެފައެވެ.
މި ސަރަހައްދުތައް ސާފުކުރުމަށް އައިއާރުޖީސީގެ ޚާއްޞަ ފަންނީ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް 15,000 އަށްވުރެ ގިނަ ގޮވާތަކެތި ނައްތާލާފައިވާ ކަމަށްވެސް އެ އެޖެންސީން މައުލޫމާތު ދެއެވެ. ނަމަވެސް، މިއަދު ކުރިއަށްދިޔަ މިފަދަ މިޝަނެއްގެ ތެރޭގައި 14 މީހަކު މަރުވެ، އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިފަދަ ހަމަލާތަކުގެ ތުހުމަތު އީރާނުން މީގެ ކުރިން އެމެރިކާއާއި އިސްރާއީލަށް ކޮށްފައިވެއެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުތަކުން ބޭނުންކުރާ ކްލަސްޓާ މުނިޝަންސްއަކީ ވައިގެ ތެރޭގައި ގޮވައި، އޭގެ ތެރެއިން ކުދި ގޮވާތަކެތި ބިންމައްޗަށް ފެތުރިގެންދާ އެއްޗެހި ކަމަށާއި، އޭގެ ތެރެއިން ނުގޮވާ ހުންނަ ތަކެތީގެ ނުރައްކާ އެތައް އަހަރަކަށް ދެމިގެންދާ ކަމަށެވެ.
އަނެއްކޮޅުން އިސްރާއީލުން ވެސް ވަނީ އީރާނުން އެގައުމުގެ ސިޓީތަކަށް ދޭ މިސައިލް ހަމަލާތަކުގައި މިފަދަ ގޮވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
ކްލަސްޓާ ބޮން ބޭނުންކުރުމާއި، އުފެއްދުމާއި، ރައްކާކުރުން މަނާކުރާ 2008 ވަނަ އަހަރުގެ ބައިނަލްއަގުވާމީ މުއާހަދާގައި 100 އަށްވުރެ ގިނަ ގައުމުން ސޮއިކޮށްފައިވީ ނަމަވެސް، އީރާނާއި، އިސްރާއީލު އަދި އެމެރިކާއަކީ އެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކެއް ނޫނެވެ.
Ads by MACL
