ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުގެ 12 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުގެ 12 މީހުން ޝަހީދުކޮށްލައިފި

ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި، ކުޑަކުއްޖަކާއެކު މަދުވެގެން 12 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ހަމަލާތައް ދީފައިވަނީ ދެފަރާތުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް އޮތް ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށެވެ.

ނަބަޠިއްޔާ ޑިސްޓްރިކްޓްގެ ހައްބޫޝް އަވަށަށް ހުކުރު ދުވަހު ދިން ހަމަލާތަކުގައި އެކަނިވެސް 8 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އިސްރާއީލުގެ މި ހަމަލާތަކުގައި އެ އަވަށުގެ މީހުން ދިރިއުޅޭ މުޅި ސަރަހައްދެއް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.

ޞޫރު އަދި ނަބަޠިއްޔާ ކައިރީގައިވާ އެހެން ރަށްތަކަށް ދިން ހަމަލާތަކުގައި އިތުރު 4 މީހަކު ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. މި ހަމަލާތަކުގައި އާންމުންގެ ގެދޮރާއި، މަދަރުސާތަކުގެ އިތުރުން ފައްޅިތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހައްބޫޝްގެ ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކުރީ ހަމަލާ ދިނުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ. އިސްރާއީލުގެ ތަރުޖަމާނު އަވިޗޭ އަދުރާއީ ވަނީ ވަގުތުން 1000 މީޓަރު ދުރަށް ދިއުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާފައެވެ. ނަމަވެސް، އޭގެ ކުރީ ދުވަހު އެއްވެސް އިންޒާރަކާ ނުލައިވެސް އިސްރާއީލުން ވަނީ އެ އަވަށަށް ހަމަލާދީފައެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މާރިޗު 2 އިން ފެށިގެން މިހާތަނަށް 2,618 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 8,094 އަށް އަރާފައެވެ. މި ހަމަލާތައް ކުރިއަށްދަނީ އެމެރިކާ މެދުވެރިވެގެން ވެފައިވާ ސުލްހައިގެ އެއްބަސްވުން މޭ މަހުގެ 17 އާ ހަމައަށް އިތުރުކޮށްފައި ވަނިކޮށެވެ.

އިސްރާއީލުން ބުނަމުންދަނީ އެމީހުން ހަމަލާދެނީ ހިޒްބުالله ގެ އަމާޒުތަކަށް ކަމަށެވެ. ނަމަވެސް ބިންމަތީގެ ހަގީގަތަށް ބަލާއިރު، މަރުވާ މީހުންގެ ބޮޑު ބަޔަކީ ކުށެއްނެތް އާންމު ރައްޔިތުންނެވެ. ހިޒްބުالله އިންވެސް ދަނީ އިސްރާއީލުގެ އަސްކަރީ ޓޭންކުތަކަށާއި ސިފައިންނަށް އަމާޒުކޮށް ރައްދު ހަމަލާތައް ދެމުންނެވެ.

މި ހަމަަނުޖެހުންތައް ފެށުނީ 2023 ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިސްރާއީލުން ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލުމުން މަސްރަހު އިތުރަށް ގޯސްވިއެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސުލްހައިގެ އެއްބަސްވުމަކަށް އައި ނަމަވެސް، އިސްރާއީލުން ވަނީ 10,000 އަށްވުރެ ގިނަ ފަހަރު އެ އެއްބަސްވުމާ ޚިލާފުވެފައެވެ. އަދި މިދިޔަ މާރިޗު މަހު އެމެރިކާއާއި ނަތަންޔާހޫގެ ސަރުކާރު ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުالله އިން އަލުން އިސްރާއީލަށް ހަމަލާދޭން ވަނީ ފަށާފައެވެ.