ޔޫއޭއީގެ ވައިގެ ދަތުރުތައް އަލުން ފަށައިފި
އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މެދުކަނޑާލި ޔޫއޭއީގެ ވައިގެ ދަތުރުތައް އަލުން ފަށައިފި އެވެ. މި ނިންމުމާއެކު، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވައިގެ ސަރަހައްދު މިހާރު ވަނީ އާންމު ދަތުރުފަތުރަށް މުޅިން ހުޅުވާލާފަ އެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ބުނި ގޮތުގައި، ދަތުރުތައް އަލުން ފެށުމަށް ނިންމީ ސަރަހައްދުގެ ސަލާމަތީ ކަންކަމާއި ހާލަތު ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ވަޒަންކުރުމަށްފަހު އެވެ. އަދި އޭވިއޭޝަންގެ ރައްކާތެރިކަން އެންމެ މަތީ މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި، ހާލަތު ވަގުތުން ވަގުތަށް ބަލައި މޮނިޓާކުރުމުގެ މަސައްކަތް ޓެކްނިކަލް ޓީމުތަކުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިދިޔަ ދެ މަހެއްހާ ދުވަހު ޔޫއޭއީން ދިޔައީ މަޑުމަޑުން ވައިގެ ސަރަހައްދު ހުޅުވާލައި، އޮޕަރޭޝަންތައް އިތުރުކުރަމުންނެވެ. މިގޮތުން ދުބާއީ އަދި އަބޫދާބީގެ އެއާޕޯޓްތަކުގެ ޝެޑިއުލްތައް މިހާރު ވަނީ ކުރިއެކޭ އެއްގޮތަށް އާންމު ހާލަތަށް ގެނެސްފަ އެވެ. މިއީ އީރާނާއި އެމެރިކާގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކަށް ފަހު، އެމެރިކާގެ ވެރިންނާއި އިސްރާއީލުގެ ނަތަންޔާހޫގެ ސަރުކާރުން ހިންގި އަސްކަރީ ހަރަކާތްތަކަށް މަޑުޖެހުމެއް އައިސް، ދާއިމީ ސުލްހައަކަށް މަސައްކަތް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި އެޅުނު ފިޔަވަޅެކެވެ.
ޖީސީއޭއޭ އިން ވަނީ ދަތުރުތައް މެދުކަނޑާލާފައި އޮތް މުއްދަތުގައި އެއާލައިންތަކާއި ފަސިންޖަރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ދަތުރުވެރިން އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ރަސްމީ ވަސީލަތްތައް ބޭނުންކުރުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
މި ބަދަލާއެކު، މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގެ މަރުކަޒެއްގެ ގޮތުގައި އޮތް ޔޫއޭއީގެ ދައުރު އަލުން ވަރުގަދަވެ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ދަތުރުފަތުރަށް އޮތް ބިރުވެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.
Ads by MACL
