ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ކުންފުނި ބަނގުރޫޓްވެ އެމެރިކާގެ ސްޕިރިޓް އެއަރލައިންސް ހުއްޓާލައިފި

ކުންފުނި ބަނގުރޫޓްވެ އެމެރިކާގެ ސްޕިރިޓް އެއަރލައިންސް ހުއްޓާލައިފި

އެމެރިކާގެ މަޝްހޫރު ބަޖެޓް އެއަރލައިން، ސްޕިރިޓް އެއަރލައިންސްގެ ހުރިހާ އޮޕަރޭޝަންތަކެއް ކުއްލި ގޮތަކަށް ހުއްޓާލައި، އެއަރލައިން ބަންދުކޮށްފިއެވެ.

34 އަހަރުގެ ދިގު ތާރީޚެއް އޮތް މި އެއަރލައިނުން 2026 މެއި 2 ވީ ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާއިރު، މިއީ އެ އެއަރލައިންގެ އޮޕަރޭޝަންތަކަށް ނިމުން އައި ވަގުތެވެ.

މި ނިންމުން ނިންމަން ޖެހުނީ އެންމެ ފަހު ވަގުތު ސަރުކާރުގެ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވުނު 500 މިލިއަން ޑޮލަރުގެ ފެޑެރަލް ބެއިލްއައުޓް ނާކާމިޔާބުވުމުން ކަމަށް ކުންފުނިން ބުނެއެވެ. ތެލުގެ އަގު އިންތިހާއަށް އުފުލުމާއި ބައިނަލްއަގުވާމީ ހަމަނުޖެހުންތަކުގެ ސަބަބުން މާލީ ބޮޑު ތާށިކަމެއްގެ ތެރޭގައި އޮތް މި އެއަރލައިން ބަންދުވިއިރު، މިއީ އެއް އަހަރު ތެރޭގައި އެ ކުންފުނި ބަނގުރޫޓުވި ދެވަނަ ފަހަރެވެ. ކުންފުނީގެ ސީއޯ ޑޭވް ޑޭވިސް ވިދާޅުވީ ސްޕިރިޓްއަކީ އަބަދުވެސް އަގުހެޔޮކޮށް ދަތުރުފަތުރު ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރި ކުންފުންޏެއް ކަމަށެވެ.

އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، ދަތުރުވެރިން ދައްކާފައިވާ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ކްރެޑިޓް ނުވަތަ ޑެބިޓް ކާޑުން ސީދާ އެއަރލައިނުން ޓިކެޓް ގަތް މީހުންނަށް އޮޓޮމެޓިކުން ފައިސާ ޖަމާވާނެ ނަމަވެސް، ޓްރެވަލް އޭޖެންޓުން ނުވަތަ ތާޑް-ޕާޓީ ވެބްސައިޓްތައް މެދުވެރިކޮށް ޓިކެޓް ނެގި ފަރާތްތަކުން ޖެހޭނީ އެ ފަރާތްތަކަށް ގުޅައިގެން ފައިސާ ހޯދާށެވެ. ވައުޗަރާއި، ފްލައިޓް ކްރެޑިޓް ނުވަތަ މައިލްސް ބޭނުންކޮށްގެން ދަތުރު ހަމަޖެއްސި މީހުންނަށް ފައިސާ ލިބޭނީ ކޯޓު މަރުހަލާ ނިމުމުން ކަމަށް ވާތީ، އެއީ ގިނަ ދުވަސް ނަގާނެ އަދި ފުރިހަމަ އަދަދު ނުލިބިދާނެ ކަމެއް ކަމަށް ބެލެވެއެވެ.

ސްޕިރިޓްގެ ދަތުރުތައް މެދުކެނޑުމާ ގުޅިގެން މަގުމަތިވެފައި ތިބި ދަތުރުވެރިން ގެއަށް ފޮނުވުމަށް އެމެރިކާގެ އެހެން ބޮޑެތި އެއަރލައިންތަކުން ވަނީ "ރެސްކިއު ފެއަރސް" ނުވަތަ ޚާއްސަ އަގުހެޔޮ ޓިކެޓްތަކެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ޖެޓްބްލޫ އިން 99 ޑޮލަރަށް ވަން-ވޭ ޓިކެޓް ދޫކުރާއިރު، ފްރޮންޓިއަރ އިން ބޭސް ފެއަރ އިން 50 އިންސައްތަ ޑިސްކައުންޓް ދެއެވެ. މީގެ އިތުރުން އެމެރިކަން އެއަރލައިންސް، ޔުނައިޓެޑް އަދި ސައުތުވެސްޓުން ވެސް ދަނީ މިފަދަ ލުއިތައް ދެމުންނެވެ.

ދަތުރުވެރިން މިވަގުތު އެއަރޕޯޓަށް ނުދިއުމަށާއި، ކަސްޓަމަރ ސާވިސްގެ ބަދަލުގައި ކްލެއިމްސް އޭޖެންޓް "އެޕިކް" (Epiq) އަށް ގުޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑު ކުންފުނިތައް މެދުވެރިކޮށް "ޗާޖްބެކް" ހޯދުމަށާއި، ޓްރަވަލް އިންޝުއަރެންސް އޮތްތޯ ބެލުމަށާއި، ދަތުރާ ގުޅޭ ހުރިހާ ރިސީޓާއި ލިޔެކިޔުންތަކެއް ރައްކާކޮށްގެން ގެންގުޅުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ކުންފުނި ބަންދުވުމާ ގުޅިގެން ވަޒީފާ ގެއްލުނު ސްޕިރިޓްގެ މުވައްޒަފުންނަށް އެހީވުމުގެ މަސައްކަތް ވެސް އެހެން އެއަރލައިންތަކުން ދަނީ ކުރަމުންނެވެ. އެމެރިކަން އެއަރލައިންސް އާއި ޔުނައިޓެޑުން ވަނީ އެ މުވައްޒަފުންނަށް ވަޒީފާގެ އިންޓަވިއުތަކުގައި އިސްކަންދީ، އަދި ދަތުރުފަތުރުގެ ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.