ފުލުހުންގެ ނަމުގައި އޮޅުވާލައިގެން އުޅުނު ބަޔަކު ދުބާއީގައި 1.7 މިލިއަން ދިރުހަމް ފޭރިގަނެފި
ދުބާއީގައި ފުލުހުންގެ ނަމުގައި އޮޅުވާލައިގެން އުޅުނު ބަޔަކު، ކުންފުންޏެއްގެ މަންދޫބެއްގެ އަތުން 1.7 މިލިއަން ދިރުހަމް (ގާތްގަނޑަކަށް 7.1 މިލިއަން ދިވެހި ރުފިޔާ) ފޭރިގަތް މައްސަލައެއް ދުބާއީގެ ޕަބްލިކް ޕްރޮސެކިއުޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަލް މުތީނާގެ ކޮމާޝަލް ސެންޓަރެއްގެ ކައިރީގައި ހުންނަ އަލް މުރައްގަބާތު ސަރަހައްދުގައެވެ. މި ހާދިސާގައި ޝިކާރައަކަށްވީ މޯބައިލް ފޯނު ވިއްކާ ހޯލްސޭލް ކުންފުންޏެއްގައި މަސައްކަތްކުރާ މިސްރުގެ ސޭލްސްމަނެކެވެ. އޭނާ ފޭރިގެންފައިވަނީ ކަސްޓަމަރުންގެ އަތުން ފައިސާ ނަގައިގެން އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި އޮފީހަކުން ނުކުތް ވަގުތުގައެވެ.
ސޭލްސްމަން ތަހުގީގަށް ކިޔައިދިން ގޮތުގައި، އޭނާ ލިފްޓަށް އެރި ވަގުތު އަރަބި ނަސްލުގެ ދެ މީހަކު އޭނާއާ އެކު ލިފްޓަށް އެރިއެވެ. އެ މީހުންނަކީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރުން ކަމަށް ބުނެ، އޭނާގެ އައިޑީ ދެއްކުމަށް އެދުނެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، އިމާރާތުގެ ލޮބީ ތެރޭގައި އެ މީހުން އޭނާއަށް ހަމަލާދީ، ފައިސާ އަޅާފައިވާ ދަބަސް ފޭރިގަނެގެން ފިލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ދުބާއީ ފުލުހުން ވަނީ ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި، ސީސީޓީވީ ފޫޓޭޖްތައް ބަލައި ތަހުގީގު ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން، ފޭރުމުގައި ބޭނުންކުރި ކަމަށް ބެލެވޭ އުޅަނދު އެހެން އިމާރާތަކުން ފެނިފައިވާއިރު، މި ކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި މީހުންގެ އަތުން ފޭރުނު ފައިސާގެ ތެރެއިން 728,000 ދިރުހަމް ވަނީ ހޯދިފައެވެ. ބާކީ ފައިސާއަށް ވީގޮތާ ބެހޭގޮތުން ސުވާލު ކުރުމުން، އެ ފައިސާ ބޭނުންކުރީ އެ މީހުންގެ އަމިއްލަ ދަރަނިތައް އަދާކުރުމަށް ކަމަށް އެ މީހުން ވަނީ އިއުތިރާފުވެފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުންގެ ނަމުގައި އަންނަ ފަރާތްތަކުގެ އައިޑީ ކާޑު ޗެކްކުރުމަށާއި، މިފަދަ އޮޕަރޭޝަންތައް ފުލުހުން އާންމު ތަންތަނުގައި އެގޮތަށް ނުހިންގާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.
Ads by MACL
