ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ އަސްކަރީ ބިރުދެއްކުންތަކަށް ދޫނުދޭނެކަމުގެ އިންޒާރު ކިއުބާގެ ރައީސް ދެއްވައިފި

ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކެނެލް ----
ކިއުބާގެ ރައީސް މިގުއެލް ޑިއާޒް-ކެނެލް ----

އެމެރިކާގެ އަސްކަރީ ބިރުދެއްކުންތަކަށް ދޫނުދޭނެކަމުގެ އިންޒާރު ކިއުބާގެ ރައީސް ދެއްވައިފިއެވެ.

ކިއުބާގެ ރައީސް މިގޭލް ދިއާޒް-ކަނޭލް ވަނީ އެމެރިކާއިން އެގައުމަށް ދެމުންދާ އަސްކަރީ އިންޒާރުތައް ނުރައްކާތެރި މަރުހަލާއަކަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ކިއުބާއިން ދުވަހަކުވެސް އަމާން ނުދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ދިއާޒް-ކަނޭލް ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކިއުބާއަށް އަރައިގަތުމަށް ދެމުންދާ އިންޒާރުތައް މީގެ ކުރިން ދުވަހަކުވެސް ނުދާހާ ނުރައްކާތެރި އަދި ބިރުވެރި މަރުހަލާއަކަށް މިހާރު އުފުލާފައިވާ ކަމަށެވެ.

މިފަދަ ލާއިންސާނީ އަމަލުތަކަކީ ބަދަލުހިފުމާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މަދު މުއްސަނދި ބައެއްގެ މަންފާއަށްޓަކައި ހިންގާ ޖިނާއީ އަމަލުތަކެއްކަން ބައިނަލްއަގުވާމީ މުޖުތަމައާއި އެމެރިކާގެ ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިއުބާގެ ރައީސް އިތުރަށް ވިދާޅުވީ، ކިތަންމެ ބާރުގަދަ އަދި ނުފޫޒުގަދަ އިސްތިއުމާރީ ބާރަކަށް ވިޔަސް ކިއުބާ އަމާންދޭން މަޖުބޫރު ނުކުރެވޭނެ ކަމަށާއި، އެގައުމުގެ ރައްޔިތުން ސިޔާދަތާއި މިނިވަންކަން އަދި ސަރަހައްދީ ފުރިހަމަކަން ދިފާއުކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކިއުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް ވިދާޅުވީ، އެމެރިކާއިން އެއްފަރާތްތަކުން އަޅަމުންދާ މަޖުބޫރުކުރުވުމުގެ ފިޔަވަޅުތައް އެގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމެރިކާ ސަރުކާރުން އަމިއްލަ ގައުމުގެ ރައްޔިތުން މަގުމަތީގައި ނިކަމެތިކޮށް ހިންގާ ހަރަކާތްތައް ހުއްޓުވަމުންދާއިރު، އެމެރިކާގެ އިސްތިއުމާރީ ހަމަލާތަކާ ދެކޮޅަށް ހިތްވަރާއެކު ތެދުވާ ކިއުބާގެ ރައްޔިތުންނަށް އަދަބު ދޭން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރޮޑްރިގޭޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ޚިލާފު އަމަލުތަކެއް ކަމަށާއި، އެހެން ގައުމުތަކާއި ތިންވަނަ ފަރާތްތަކަށް މިފަދަ ފިޔަވަޅުތައް އެޅުމުގެ އެއްވެސް ހައްގެއް އެމެރިކާއަށް ލިބިގެން ނުވެއެވެ.

މި ހޫނު ބަހުގެ ހަމަލާތައް އައިސްފައިވަނީ، އެމެރިކާގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތަށް ނުރައްކާވާ ކަމަށް ބުނެ ކިއުބާއާ ގުޅުންހުރި ފަރާތްތަކާ ދެކޮޅަށް އެމެރިކާގެ ރައީސް އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުގެ ރިޔާސީ އަމުރެއްގައި މިދިޔަ ހަފުތާގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ.