މުދައްރިސުންނަކީ ގައުމީ ކަރާމާތާއި ސާބިތުކަން ބިނާކުރާ ހަޤީޤީ މޭސްތިރިން: ރައީސް މަސްއޫދު ޕެޒެޝްކިއާން
މުދައްރިސުންނަކީ ގައުމީ ކަރާމާތާއި ސާބިތުކަން ބިނާކުރާ ހަޤީޤީ މޭސްތިރިން ކަމަށް ސިފަކުރައްވައި، އީރާނުގެ ތައުލީމީ އަދި ސަގާފީ ދާއިރާގެ މަސައްކަތްތެރިން ދައްކަމުންދާ ކެތްތެރިކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ތައުރީފު ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުޝްމަނުންގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކާއި ހަމަލާތަކުގެ ކުރިމަތީގައި އެ ދާއިރާއިން ދައްކަމުންދާ ސާބިތުކަމަށް ބިނާކުރައްވައެވެ.
ޕާސް ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރައީސް ޕެޒެޝްކިއާން ވިދާޅުވީ، މުދައްރިސުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި އިލްމު އުނގަންނައިދިނުން ނޫން ކަމަށެވެ. އެއީ ދިރިއުޅުމުގެ ހިކުމަތް އުނގަންނައިދޭ، ދަރިވަރުންގެ ރޫހުގައި އިންސާނިއްޔަތުކަމާއި ޒިންމާދާރުކަން އަށަގަންނުވައި، ގައުމުގެ އިޖުތިމާއީ މުސްތަގުބަލު ބައްޓަންކުރާ މޭސްތިރިން ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، މީނާބުގެ "ޝަޖަރޭ ތައްޔިބާ" ސްކޫލަށް ދިން ބިރުވެރި ހަމަލާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެއީ މުޖުތަމައުގެ އެންމެ ކުށެއްނެތް ފަރާތްތަކަށް އަމާޒުކޮށް ހިންގި ހިތާމަވެރި ޖަރީމާއެއް ކަމަށެވެ. އިލްމު އުނގަންނައިދޭ މަރުކަޒުތަކަށް ދެވޭ މިފަދަ ހަމަލާތަކަކީ އީރާނުގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއެޅުމަށް ދީފައިވާ ހަމަލާތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީރާނުގެ ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގައުމުގެ އަޒުމެއް ނުގުޑާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި، މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ތަރައްގީއާއި ތަހުޒީބީ ރަހުމަތަށް ކުރާ ދަތުރުގައި މުޖުތަމައުގެ ސާބިތުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
Ads by MACL
