ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އޮސްޓްރޭލިއާގެ ބޮންޑައި ބީޗް ހަމަލާގެ ޝަރީޢަތް ފަށައިފި

މި ތަހުގީގުގެ ވަގުތީ ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާއިރު، އޭގައި 14 ރެކޮމެންޑޭޝަނެއް ވަނީ ހިމަނާފަ --- ފޮޓޯ: ރޮއިޓާސް
މި ތަހުގީގުގެ ވަގުތީ ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާއިރު، އޭގައި 14 ރެކޮމެންޑޭޝަނެއް ވަނީ ހިމަނާފަ --- ފޮޓޯ: ރޮއިޓާސް

އޮސްޓްރޭލިއާގެ ބޮންޑައި ބީޗްގައި މިދިޔަ ޑިސެމްބަރު މަހު ހިނގި ބަޑީގެ ނުރައްކާތެރި ހަމަލާއާއި، އެ ގައުމުގައި ޔަހޫދީންނާ ދެކޮޅުވެރިކަން އިތުރުވަމުންދާ މައްސަލައާ ގުޅޭ އާންމު އަޑުއެހުންތައް ހޯމަ ދުވަހު ފަށައިފިއެވެ.

ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި ޝަރީޢަތުގައި ހެކިބަސް ދޭ ފަރާތްތަކުން، އޮސްޓްރޭލިއާގައި ޔަހޫދީންނާ މެދު އޮތް ނަފްރަތާއި ދެކޮޅުވެރިކަން އިތުރުވެފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލާނެއެވެ.

ޔަހޫދީންގެ ހަނޫކާ ފާހަގަކުރުމުގެ ތެރެއިން ދިން މި ހަމަލާގައި 15 މީހުން މަރުވެފައިވާއިރު، މި ހާދިސާއާއެކު ބަޑި ކޮންޓްރޯލް ކުރުމުގެ ގަވާއިދުތައް ހަރުދަނާ ކުރުމަށާއި ޔަހޫދީންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓުވުމަށް ސަރުކާރަށް ކުރާ އިލްތިމާސްތައް ވަނީ އިތުރުވެފައެވެ.

މި މައްސަލަ ބަލާ ރޯޔަލް ކޮމިޝަންގެ ޝަރީޢަތް އިސްކޮށް ބަލަހައްޓަވަނީ ރިޓަޔަރޑް ފަނޑިޔާރު ވާޖިނިއާ ބެލް އެވެ. އޭނާ ވިދާޅުވީ އަޑުއެހުންތަކުގެ ފުރަތަމަ ބުރުގައި މައިގަނޑު ގޮތެއްގައި ބަލާނީ އޮސްޓްރޭލިއާގައި ޔަހޫދީންނާ ދެކޮޅުވެރިކަން ފެތުރިފައިވާ މިންވަރާއި އޭގެ ބާވަތްތަކަށް ކަމަށެވެ.

ވާޖިނިއާ ބެލް ފާހަގަކުރެއްވި ގޮތުގައި އޮސްޓްރޭލިއާގައި ޔަހޫދީންނާ ދެކޮޅުވެރިކަން ކުއްލިއަކަށް އިތުރުވެފައިވަނީ ހުޅަނގުގެ އެހެން ގައުމުތަކެކޭ އެއްފަދައިން މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެންނެވެ. އަދި އެފަދަ ހާދިސާތަކުގެ ސަބަބުން، ހަމައެކަނި ޔަހޫދީ ދަރިކޮޅަކަށް ނިސްބަތްވީތީ އޮސްޓްރޭލިއާގެ ރައްޔިތުންނާ މެދު ނަފްރަތު އުފެދިގެންދާ ގޮތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަހުގީގަށް އާންމުންގެ ފަރާތުން 5,700 އަށްވުރެ ގިނަ ހުށަހެޅުންތައް މިހާތަނަށް ލިބިފައިވެއެވެ. ހޯމަ ދުވަހުގެ އަޑުއެހުމުގައި ހެކިބަސް ދޭ މީހުންގެ ތެރޭގައި ހަމަލާގައި މަރުވި މީހެއްގެ ދަރިއަކާއި، މުޖުތަމައުގެ އިސްވެރިންގެ އިތުރުން ހޮލޮކޯސްޓުން ސަލާމަތްވި މީހަކު ހިމެނެއެވެ.

ނަފްރަތުގެ އަމަލުތަކުން ރައްކާތެރިވުމަށްޓަކައި ބައެއް ހެކިވެރިންގެ މައުލޫމާތު ސިއްރުކޮށް ހެކިބަސް ދިނުމުގެ ފުރުސަތު ކޮމިޝަނުން ވަނީ ދީފައެވެ. ފަނޑިޔާރު ބެލް ވިދާޅުވީ މިއީ ޔަހޫދީ މުޖުތަމައުގެ އާންމު ފަރުދުންނަށް ދިމާވެފައިވާ ކަންކަމުގެ ވާހަކަ އަޑުއެހުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.

މި ތަހުގީގުގެ ވަގުތީ ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާއިރު، އޭގައި 14 ރެކޮމެންޑޭޝަނެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ޔަހޫދީންގެ ހަރަކާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި، ޓެރަރިޒަމާ ދެކޮޅު ގާނޫނުތަކާއި ބަޑި ގެންގުޅުމުގެ ގަވާއިދުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

މި މަހުގެ ފަހުކޮޅު ބާއްވާ އަޑުއެހުންތަކުގައި ބޮންޑައި ބީޗް ހަމަލާ މެދުވެރިވި ސަބަބުތަކަށް އިތުރަށް ބަލާނެއެވެ. މި ޝަރީޢަތުގެ ފައިނަލް ރިޕޯޓް ނެރުމަށް ހަމަޖެހިފައިވަނީ ހަމަލާއަށް އެއް އަހަރު ފުރޭ ދުވަސް ކަމަށްވާ އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.