ބްރެޒިލަށް ކުރަމުންދާ ވިއްސާރައިގައި ހަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ
ބްރެޒިލްގެ އުތުރުއިރުމަތީ ސަރަހައްދުތަކަށް ކުރި ގަދަ ވިއްސާރައިގައި މަދުވެގެން ހަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ފާއިތުވި ދެ ދުވަހު މެދުނުކެނޑި ކުރި މި ވިއްސާރައިގައި މަރުގެ ހާދިސާތައް ރިޕޯޓްކޮށްފައިވަނީ ޕެރްނަމްބޫކޯ އަދި ޕަރައިބާ ސްޓޭޓުންނެވެ.
ޕެރްނަމްބޫކޯ ސްޓޭޓްގެ ވެރިރަށް ރެސިފޭގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދެ މީހަކު މަރުވެފައިވާއިރު، ކައިރީގައި އޮންނަ އޮލިންޑާ ސިޓީން ވެސް ދެ މީހަކު ވަނީ މަރުވެފައެވެ. މި ސްޓޭޓުން ގާތްގަނޑަކަށް 1,500 މީހުން ވަނީ ހާލުގައި ޖެހިގެން ގެދޮރު ދޫކޮށް ގޮސްފައެވެ.
ޕަރައިބާ ސްޓޭޓްގެ ވެރިރަށް ޖޮއާއޯ ޕެސޯއާ އަދި ކަމްޕީނާ ގްރާންޑޭއަށް ވެސް ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު، އެ ސްޓޭޓުން ދެ މީހަކު މަރުވެ އިތުރު 1,500 މީހުން ވަނީ ހާލުގައި ޖެހިފައެވެ.
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި ވިއްސާރައާ ގުޅިގެން 22 ކުއްލި އިންޒާރެއް ވަނީ ނެރެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުތަކުގެ އެލާޓް ލެވެލް މިހާރު ވަނީ އެންމެ މަތީ ދަރަޖައަށް އުފުލާފައެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވިދާޅުވީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ލޯކަލް އޮތޯރިޓީތަކާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ހޮނިހިރު ދުވަހު ވާރޭ ކުޑަކޮށް މަޑުޖެހިލި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by BMLވޭތުވެދިޔަ އަހަރު އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި 1991 އިން 2023 އަށް ބްރެޒިލްގައި ކުރިމަތިވި މިފަދަ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ތިންގުނަ އިތުރުވެފައެވެ.
މިއަހަރުގެ ކުރީކޮޅު ވެސް ރިއޯ ގްރާންޑޭ ޑޯ ސުލްގައި ފެންބޮޑުވެ 183 މީހުން މަރުވެފައިވާއިރު، ފާއިތުވި މަސްތަކުގައި މިނަސް ޖެރައިސްގައި 64 މީހުން އަދި 2022 ވަނަ އަހަރު ޕެޓްރޯޕޮލިސްގައި 233 މީހުން ވަނީ މިފަދަ ހާދިސާތަކުގައި މަރުވެފައެވެ.
Ads by MACL
