އީރާނުގެ ހަމަލާތަކާއެކު ޔޫއޭއީގެ ވައިގެ ދަތުރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް!
މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ގޯސްވެ، އީރާނުން ދޭންފެށި ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ސަބަބުން ޔޫއޭއީގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ.
މިއީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކުރާ މައި މަގަށްވުމުން، ދުބާއީ އާއި ޝާރްޖާގެ ފްލައިޓްތައް ކެންސަލްވެ ޑައިވާޓް ކުރަން ޖެހުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި ޝާރްޖާ އެއާޕޯޓަށް ކުރަން ހުރި ގިނަ ދަތުރުތަކެއް ހުއްޓި، އެތައް ލައްކަ ފަސިންޖަރުންނެއް ވަނީ ހާލުގައި ޖެހިފައެވެ. އެމިރޭޓްސް އާއި ފްލައިދުބާއީ ފަދަ ބޮޑެތި އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، ބައިނަލްއަގުވާމީ އެހެން އެއާލައިންތަކުންވެސް ދަނީ ރައްކާތެރިކަމަށްޓަކައި ދަތުރުތައް މެދުކަނޑާލަމުންނެވެ.
ފްލައިޓްރާޑާ24 އިން ބުނާގޮތުގައި މިހާތަނަށް 145 އަށްވުރެ ގިނަ ފްލައިޓް ވަނީ އެހެން ސަރަހައްދުތަކަށް ޑައިވާޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފްލައިޓް ޖައްސާފައިވަނީ އޮމާންގެ މާސްކަޓަށެވެ. މި ހަމަނުޖެހުންތަކަކީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އުފެދިފައިވާ ހަނގުރާމަވެރި ހާލަތެކެވެ.
ޔޫއޭއީގެ ޖީސީއޭއޭ އިން ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅަމުންދާއިރު، އެމެރިކާގެ އެފްއޭއޭ އިން ވަނީ މި ސަރަހައްދުގައި ދަތުރުކުރާ ހުރިހާ އެއާލައިންތަކުން އިންތިހާއަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
Ads by MACL
