ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ "ޕްރޮޖެކްޓް ފްރީޑަމް" އަކީ ބޮޑު ޑެޑްލޮކެއް: އިރާން

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ "ޕްރޮޖެކްޓް ފްރީޑަމް" އަކީ ބޮޑު ޑެޑްލޮކެއް: އިރާން

ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ "ޕްރޮޖެކްޓް ފްރީޑަމް" އަކީ ހަގީގަތުގައި ބޮޑު "ޑެޑްލޮކެއް" ނުވަތަ ކުރިއަށް ނުދެވޭނެ ފަދަ ބަންދެއް ކަމަށް ސިފަކުރައްވައި، އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ އެމެރިކާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އައި.އާރު.އައި.ބީ ނިއުސް އެޖެންސީއާ ހަވާލާދީ "ޕާސް ޓުޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރަގްޗީ މިހެން ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ރާވާފައިވާ ޕްލޭނަށް އިޝާރާތް ކުރައްވައެވެ.

އިޖްތިމާއީ މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ހޮރްމޫޒް ސަރަހައްދުގައި ހިނގަމުންދާ ކަންކަމުން ސާފުވަނީ ސިޔާސީ މަޤްޞަދުތަކަށް އަސްކަރީ ހައްލެއް ނުހޯދޭނެ ކަމެވެ.

ޕާކިސްތާނުގެ އެހީތެރިކަމާއެކު މަޝްވަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި، ނުބައި ނިޔަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޅީގައި ޖެހި، އަލުން ބޮޑު ކެކުޅުމެއްގެ ތެރެއަށް ނުވެއްޓުމަށް އެމެރިކާއަށް އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

މީގެ އިތުރުން، މިފަދަ ނުރައްކާތެރި ކަންކަމުގެ ތެރެއަށް ވަނުމުގައި ޔޫއޭއީ އިން ވެސް ސަމާލުވާން ޖެހޭނެ ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ސަރަހައްދީ މަސްލަހަތު ނަގާލުމަށް ޖާގަ ނުދިނުމަށް އަރަގްޗީ ގޮވާލެއްވިއެވެ.

ނަތަންޔާހޫ އާއި އެމެރިކާގެ ވެރިން ސަރަހައްދީ ހަމަޖެހުން ހަލާކުކޮށްލުމަށް ކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން އަރަގްޗީ ވިދާޅުވީ، "ޕްރޮޖެކްޓް ފްރީޑަމް" އަކީ ހަގީގަތުގައި "ޕްރޮޖެކްޓް ޑެޑްލޮކް" އެއް ކަމަށެވެ.