ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

މެދުއިރުމަތީގެ ހަނގުރާމަ 2027 އާ ހަމައަށް ދިގުލައިފިނަމަ ދުނިޔޭގެ އިޤްތިޞާދު އިނދަޖެހިދާނެ: އައިއެމްއެފު

މެދުއިރުމަތީގެ ހަނގުރާމަ 2027 އާ ހަމައަށް ދިގުލައިފިނަމަ ދުނިޔޭގެ އިޤްތިޞާދު އިނދަޖެހިދާނެ: އައިއެމްއެފު

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމަ އަންނަ 2027 ވަނަ އަހަރާ ހަމައަށް ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ އިޤްތިޞާދަށް މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ގޯޖިއޭވާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ގޯޖިއޭވާ ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރާނީ ކުޑަ އަސަރެއް ކަމަށާއި ތަކެތީގެ އަގު އުފުލޭނީ މެދު މިންވަރަކަށް ކަމަށް ކުރިން ލަފާކުރި ކުރިއެރުންތައް މިހާރު ބަދަލުވެފައިވާ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއެކު އިޤްތިޞާދީ މަންޒަރު މުޅިން ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގޯޖިއޭވާ އިންޒާރު ދެއްވި ގޮތުގައި، މި ހަނގުރާމަ 2027 ވަނަ އަހަރާ ހަމައަށް ދިގުލައިގެން ގޮސް، ތެޔޮ ފީފާއެއްގެ އަގު 125 ޑޮލަރަށް އުފުލިއްޖެނަމަ، މުޅި ދުނިޔޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށްދާނެއެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުގެ ބިރު އެބައޮތް ކަމަށް އައިއެމްއެފްގެ އިސްވެރިޔާ ވިދާޅުވިއެވެ.

މި މައުޟޫޢާ ގުޅޭގޮތުން ސްޕެއިންގެ ނޫހެއް ކަމަށްވާ "އެލް ޕާއިސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ދުނިޔޭގެ އިޤްތިޞާދު އިނދަޖެހުމަށް ދިމާވާނެ މައިގަނޑު ސަބަބުތަކެވެ. އަދި އެމެރިކާގެ ވެރިން ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މި ނުރައްކާ އިތުރަށް ބޮޑުވަމުންދާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ދުނިޔޭގެ ތެލުގެ ރިޒާވް ހުސްވަމުންދާއިރު، ތެޔޮ އުފުލާ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން ހުއްޓިފައި އޮތުމުން، ތެލުގެ އަގު ވަނީ 2022 ވަނަ އަހަރަށްފަހު އެންމެ މަތީ މިންވަރަކަށް އުފުލިފައެވެ. މީގެ ސަބަބުން ޔޫރަޕްގެ ޤައުމުތަކަށް އިޤްތިޞާދީ ހީނަރުކަމެއް ކުރިމަތިވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ބިމަށް ދިން ހަމަލާތަކަށްފަހު، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ސަރަޙައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ފައިސާގެ އަގު ދަށަށްގޮސް، ސަރުކާރުތަކުގެ މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ވަކިން ޚާއްޞަކޮށް އޭޝިއާގެ ޤައުމުތަކަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެއެވެ.

މި ހަމަލާތަކުގެ ސަބަބުން އޭޝިއާގެ އިޤްތިޞާދުތަކަށް ދިމާވެފައިވަނީ ހަމައެކަނި ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި، މިއީ މުޅި ދުނިޔޭގެ ވިޔަފާރީގެ ނިޒާމު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށް "އެލް ޕާއިސް" އިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ސިޔާސީ ކަންކަމުގެ ސަބަބުން ޤައުމުތަކުގެ އެތެރޭގެ އިޤްތިޞާދީ ހަމަޖެހުމަށް މިހާރު ސީދާ ނުރައްކާވަމުންދާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.