ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އިސްރާއީލުގެ މުވާސަލާތީ ނިޒާމު ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި މީހުންނަށް ފާރަލަނީ

ރިޕޯޓުތައް ބުނާގޮތުން، މިފަދަ އިސްރާއީލުގެ މުވާސަލާތީ އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި މީހުންނަށް ފާރަލުމުގެ ޖާސޫސީ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން، މިފަދަ އިސްރާއީލުގެ މުވާސަލާތީ އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި މީހުންނަށް ފާރަލުމުގެ ޖާސޫސީ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

އިސްރާއީލުގެ މުވާސަލާތީ އިންފްރާސްޓްރަކްޗާ ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި މީހުންގެ ހަރަކާތްތަކަށް ފާރަލަމުންދާކަން ހާމަވެއްޖެއެވެ.

އިސްރާއީލުގެ "ހާރެޓްޒް" ނޫހުން މުރާޖައާކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، 1970 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އަންނަ މުވާސަލާތީ ބައު ނިޒާމުތަކުގައި ހުރި ރައްކާތެރިކަމުގެ ބަލިކަށިކަމުގެ ފައިދާ ނަގައިގެން، އެންމެ ޒަމާނީ ސްމާޓްފޯންތައް ބޭނުންކުރާ މީހުންނަށް ވެސް މިހާރު ދަނީ ފާރަލަމުންނެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މީހުންގެ ހަރަކާތްތަކަށް ފާރަލުމުގެ ދެ އޮޕަރޭޝަނެއް ހިންގަމުންދަނީ ވިޔަފާރި އުސޫލުން ޖާސޫސީ ސޮފްޓްވެއާ އުފައްދާ ކުންފުނިތަކުންނެވެ. މީގެ ތެރެއިން އެއް އޮޕަރޭޝަނެއްގައި އިސްރާއީލުގެ "019 މޮބައިލް" އަދި "ޕާޓްނާ ކޮމިއުނިކޭޝަންސް" އާ ގުޅުންހުރި ނެޓްވޯކްތައް ބޭނުންކޮށްފައިވާ އިރު، އަނެއް އޮޕަރޭޝަން ގުޅިފައިވަނީ "ރޭޒޯން" ފަދަ އިސްރާއީލުގެ ޖާސޫސީ ކުންފުނިތަކަށް ޚިދުމަތްދޭ ސަޕްލަޔަރުންނާއެވެ.

މި މައްސަލަ ދިރާސާކުރި ފަރާތްތަކުން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މީހުން ޓްރެކް ކުރުމަށް ހިންގާފައިވާ 500 އަށްވުރެ ގިނަ މަސައްކަތް ރިކޯޑުކޮށްފައެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން މިފަދަ 15,700 އަށްވުރެ ގިނަ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.

ފާރަލުމުގެ މި އަމަލުތަކުގައި މުވާސަލާތީ ބައު ނިޒާމުތަކުގެ އިތުރުން 4ޖީ އަދި 5ޖީ ގައި ބޭނުންކުރާ "ޑަޔަމީޓާ" ފަދަ އާ ޓެކްނޮލޮޖީތަކުގެ ނާޖާއިޒު ފައިދާވެސް ދަނީ ނަގަމުންނެވެ. މީގެ އިތުރުން "ސިމްޖެކިން" ފަދަ އުކުޅުތައް ބޭނުންކޮށްގެން، މީހުންނަށް ނޭނގި ސިއްރިއްޔާތުގައި އެމީހުން ތިބޭ ތަންތަނުގެ މައުލޫމާތު ހޯދަމުންދާކަންވެސް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ނަތަންޔާހޫ ހިންގާ ޖަރީމާތަކަށް އެމެރިކާގެ ވެރިން ވާގިވެރިވަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ޖާސޫސީ ކުންފުނިތަކުން މިފަދަ ނިޒާމުތައް ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ފާރަލަމުންދިއުމަކީ ބޮޑު ނުރައްކަލެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.