ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން އާ މެރިޓައިމް ކޮންޓްރޯލް ޒޯނެއް އިޢުލާންކޮށްފި

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން އާ މެރިޓައިމް ކޮންޓްރޯލް ޒޯނެއް އިޢުލާންކޮށްފި

އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހޮރްމޫޒް ކަނޑުއޮޅީގައި މުއާސަލާތީ އަދި ދަތުރުފަތުރު ކޮންޓްރޯލްކުރާ އާ ސަރަހައްދެއް ނުވަތަ "މެރިޓައިމް ކޮންޓްރޯލް ޒޯނެއް" ގާއިމުކޮށްފިކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާއިން ކަނޑައެޅި މި އާ ސްމާޓް ކޮންޓްރޯލް ޒޯނުގެ ދެކުނު ބޯޑަރަކީ އީރާނުގެ ކޫހޭ މުބާރަކާއި ޔޫ.އޭ.އީގެ ފުޖައިރާއާ ދެމެދު ދެމިގެންވާ ރޮނގެކެވެ. އަދި ހުޅަނގު ބޯޑަރަކީ އީރާނުގެ ގިޝްމް އައިލެންޑާއި ޔޫ.އޭ.އީގެ އުއްމުލް ގުވައިންއާ ދެމެދު އޮންނަ ސަރަހައްދެވެ.

މި ނިންމުން އިއުލާންކޮށްފައިވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާއި އެމެރިކާގެ ރައީސް "އޮޕަރޭޝަން ފްރީޑަމް" ގެ ނަމުގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށް ރައްކާތެރިކަން ދިނުމުގެ ހަރަކާތްތަކެއް ފަށާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާާސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން އޮތީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދެއްވެސް އީރާނުގެ އަސްކަރިއްޔާއާ މުއާސަލާތުކޮށް ކޯޑިނޭޓް ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ބޭރުގެ އެއްވެސް އަސްކަރީ ބާރަކުން، ޚާއްޞަކޮށް އެމެރިކާގެ ސިފައިން، ހޮރްމޫޒް ކަނޑުއޮޅިއާ ގާތްވާން މަސައްކަތްކޮށްފިނަމަ އެ ބަޔަކަށް އަމާޒުކޮށް ހަމަލާދޭނެކަމުގެ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.