ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބިރުދެއްކުމާއި ބުލީކުރުމުން އެއްވެސް ހައްލެއް ނުލިބޭނެ: ރައީސް ޕެޒެޝްކިއާން

އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ---
އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ---

ބިރުދެއްކުމާއި ބުލީކުރުމުން އެއްވެސް ހައްލެއް ނުލިބޭނެކަމަށް އީރާނުގެ ރައީސް ޕެޒެޝްކިއާން ވިދާޅުވެއްޖއެވެ.

އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އިމުގެ ތެރެއިން ކޮންމެ ފަދަ މަޝްވަރާއަކަށް ވެސް އެޤައުމުން ތައްޔާރަށް އޮތް ނަމަވެސް، އިރާނުގެ އަޤީދާއާއި އަމިއްލަ ނިންމުންތަކަށް ބާރުފޯރުވައި، ކަންކަން މަޖުބޫރު ކުރުވުމަށް ދުވަހަކުވެސް ބޯނުލަނބާނެ ކަމަށެވެ.

އިރާގުގެ އާ ބޮޑުވަޒީރުކަމަށް ކަނޑައަޅުއްވާފައިވާ އަލީ ފާލިޙް އައްޒައިދީއާ ފޯނުން ވާހަކަދައްކަވަމުން ޕެޒެޝްކިއާން ފާހަގަކުރެއްވީ، މަންތިޤީ ބަހުރުވައަކުން ވާހަކަދައްކާ ނަމަ މަޝްވަރާ ކުރެވިދާނެ ކަމަށާއި، ނަމަވެސް ބިރުދެއްކުމާއި ބުލީކުރުމުގެ ސިޔާސަތުން އެއްވެސް ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

އެމެރިކާއިން އިރާނާ ދެކޮޅަށް ގެންގުޅޭ "މެކްސިމަމް ޕްރެޝަރ" ނުވަތަ އެންމެ މަތީ ދަރަޖައިގެ ޕްރެޝަރު ކުރިމަތިކުރުވުމުގެ ސިޔާސަތަށް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އެއްކޮޅުން ފިއްތުންތައް ކުރިމަތިކުރަމުން، އަނެއްކޮޅުން އެއްފަރާތީ ޝަރުތުތަކެއްގެ މައްޗަށް ބިނާކޮށް މަޝްވަރާއަށް އެދުމަކީ މުސްތަޙީލު ކަމެއް ކަމަށެވެ.

މިދިޔަ މަހު އިރާނާ ދެކޮޅަށް ހިންގި އުދުވާނީ ހަމަލާތަކަށް ހުއްޓުމެއް އިއުލާންކޮށްފައި އޮތް ނަމަވެސް، އެމެރިކާއިން އަދިވެސް ޤާނޫނާ ޚިލާފަށް ކަނޑުގެ ބަންދެއް ހިންގަން މަސައްކަތް ކުރަމުންދާ ކަމަށާއި، އަލުން ހަމަލާދޭނެ ކަމުގެ އިންޒާރުތައް ދެމުންދާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ނިއުކްލިއަރ ޓެކްނޮލޮޖީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އިރާނުން ހޯދާފައިވާ ޢިލްމީ ކުރިއެރުންތަކާއި ޤާބިލްކަމުން އެޤައުމު މަޙްރޫމްވާން ނުޖެހޭނެ ކަމަށެވެ. އަދި އިރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނެއީ، ނިއުކްލިއަރ ހަތިޔާރު އުފެއްދުން ޙަރާމް ކުރައްވައި ފަތުވާ ނެރުއްވާފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

އިރާގުގެ އައްޒައިދީ ވިދާޅުވީ އިރާނުގެ ބާރަކީ މުޅި ސަރަހައްދުގެ މުސްލިމުންނަށް ލިބޭ ހިމާޔަތެއް ކަމަށާއި، އިރާނު ބަލިކަށިވެއްޖެ ނަމަ އިރާގު ވެސް ބަލިކަށިވާނެ ކަމަށެވެ. އަދި ދާޢިޝް ފަދަ ޓެރަރިސްޓް ޖަމާޢަތްތައް ނައްތާލުމުގައި އިރާނުން ވެފައިވާ ގުރުބާނީ އޭނާ ފާހަގަކުރެއްވިއެވެ.

ބަޣްދާދުން ވަނީ އިރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އައްޒައިދީ ވިދާޅުވީ އެމެރިކާގެ ވެރިންނަށް އިރާނުގެ އިސްލާމީ ނިޒާމު ވައްޓާނުލެވޭނެ ކަމަށާއި، ހުރިހާ މައްސަލައެއްގެ ހައްލަކީ މަޝްވަރާ ކަމަށެވެ.