ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ޓެމިލް ނާޑޫގައި ސަރުކާރެއް އުފެއްދުމަށް ވިޖޭ ކޮންގްރެސްގެ ތާއީދަށް އެދިއްޖެ

މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭ --- ފޮޓޯ: އެންޑީ ޓީވީ
މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭ --- ފޮޓޯ: އެންޑީ ޓީވީ

އިންޑިއާގެ ޓެމިލް ނާޑޫގައި ދާދިފަހުން ބޭއްވި އެސެމްބްލީ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި "ޓަމިލަގަ ވެޓްރި ކަޒަގަމް" (ޓީވީކޭ) ގެ ރައީސް، މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭ، އާ ސަރުކާރެއް އެކުލަވާލުމަށް އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ތާއީދަށް އެދިވަޑައިގެންފިއެވެ.

ކޮންގްރެސްގެ ޖެނެރަލް ސެކްރެޓަރީ ކޭ.ސީ. ވެނުގޯޕާލް ހާމަކުރެއްވި ގޮތުގައި، ވިޖޭ މި އެހީތެރިކަމަށް އެދިވަޑައިގަތީ ކޮންގްރެސްގެ ރައީސް މައްލިކާރްޖުން ޚަރުގެ އާއި އިދިކޮޅު ލީޑަރު ރާހުލް ގާނދީއާ ބޭއްވި މުހިންމު ބައްދަލުވުމެއްގައެވެ. މި މައްސަލާގައި ގޮތެއް ނިންމުމުގެ އިޚްތިޔާރު ކޮންގްރެސްގެ މަރުކަޒީ ލީޑަރޝިޕުން މިހާރު ވަނީ ޓެމިލް ނާޑޫގެ ސްޓޭޓް ޔުނިޓަށް ދޫކޮށްލާފައެވެ.

މި ފަހަރުގެ އިންތިޚާބުގައި 234 ގޮނޑީގެ މައްޗަށް އެކުލެވޭ އެސެމްބްލީން ވިޖޭގެ ޕާޓީއަށް ލިބިފައިވަނީ 108 ގޮނޑިއެވެ. މިއީ ސަރުކާރެއް އުފެއްދުމަށް ބޭނުންވާ މެޖޯރިޓީ ހަމަކުރުމަށް ބޭނުންވާ 118 ގޮނޑިއަށް ވުރެ 10 ގޮނޑި މަދު އަދަދެކެވެ. މި ނަތީޖާއާއެކު، ޓެމިލް ނާޑޫގެ ސިޔާސީ މަސްރަހުގައި ދިގު މުއްދަތަކަށް އޮތް ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭގެ ބާރުވެރިކަން ވަނީ ނިމުމަކަށް އައިސްފައެވެ.

އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ވެރިކަންކުރާ ޑީއެމްކޭ އަށް ލިބުނީ އެންމެ 59 ގޮނޑިއެވެ. ނަތީޖާ ކަށަވަރުވުމާއެކު ޗީފް މިނިސްޓަރު އެމް.ކޭ. ސްޓާލިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ގަވަރުނަރު ރާޖޭންދްރަ އާރްލޭކަރު ވަނީ ސްޓާލިންގެ އިސްތިއުފާ ގަބޫލުކުރައްވައި، އާ ސަރުކާރެއް އެކުލަވާލެވެންދެން މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ހަވާލުވެ ހުންނެވުމަށް އެދިވަޑައިގެންފައެވެ.

މި ކާމިޔާބީއާ ގުޅިގެން ރާހުލް ގާނދީ ވަނީ ވިޖޭއަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. ރާހުލް ވިދާޅުވީ މި ނަތީޖާއަކީ ޓެމިލް ނާޑޫގެ ޒުވާނުންގެ އަޑު އިއްވައިދިން ނަތީޖާއެއް ކަމަށެވެ. މީގެ އިތުރުން ވިޖޭ ވަނީ ރާހުލްއަށް ޝުކުރު އަދާކުރައްވައި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެންމެ މަތީ ފެންވަރުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޚަބަރުތައް ބުނާގޮތުން ވިޖޭ ޗީފް މިނިސްޓަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ޗެންނައިގެ ޖަވަހަރްލާލް ނެހުރު އިންޑޯ ސްޓޭޑިއަމްގައެވެ. މިހާރު ހުރިހާ ނަޒަރެއް ހުރީ ކޮންގްރެސްގެ ޓެމިލް ނާޑޫ ޔުނިޓުން މިއަދު ހެނދުނު ބާއްވާ ބައްދަލުވުމުގައި ނިންމާނެ ގޮތަކަށެވެ.