ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ހޯރްމުޒްގައި އެމެރިކާ މަނަވަރުތަކަށް ހަމަލާދޭން އީރާނުން 'ކޯމަސް' ބޭނުންކޮށްފާނެތަ؟

ހޯރްމުޒްގައި އެމެރިކާ މަނަވަރުތަކަށް ހަމަލާދޭން އީރާނުން 'ކޯމަސް' ބޭނުންކޮށްފާނެތަ؟

ހޯރްމުޒް ކަނޑުއޮޅީގައި އީރާނުން ވަޅުލާފައިވާ މައިންތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ނޭވީއާ ކުރިމަތިލުމަށް އީރާނުން "ކަމިކާޒީ ޑޮލްފިންތަކެއް" (ތަމްރީނުކޮށްފައިވާ ކޯމަސް) ބޭނުންކުރާނެތޯ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތުއާ ސުވާލުކުރެވިއްޖެއެވެ.

ނޫސްވެރިންގެ މި ސުވާލަށް ޖަވާބުދެއްވަމުން ހެގްސެތު ވިދާޅުވީ، އީރާނުގެ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ ޑޮލްފިންތަކެއް އެ ގައުމުގައި ނެތްކަން ކަށަވަރުކޮށްދެއްވޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާގައި އެފަދަ "ކަމިކާޒީ ޑޮލްފިންތަކެއް" ހުރިތޯ ނުވަތަ ނެތްތޯ ސާފުކޮށް ކަށަވަރުކޮށްދެއްވަން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

މި މައުލޫމާތު އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކުރި ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ އީރާނުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ، އެމެރިކާގެ ހަނގުރާމަ މަނަވަރުތަކަށް ހަމަލާދިނުމަށްޓަކައި "މައިން އުފުލާ ޑޮލްފިންތައް" ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް ދެކެވޭ ވާހަކަތަކެވެ. ނަމަވެސް އީރާނަށް މިފަދަ ގާބިލްކަމެއް މިވަގުތު ލިބިފައިވޭތޯ އާއި މިއީ ހަގީގަތެއް އޮތް ވާހަކައެއްތޯ އަދި ސާފެއް ނުވެއެވެ.

އެމެރިކާގެ ނޭވީއަކީ 1959 ވަނަ އަހަރުން ފެށިގެން މެރިން މެމަލް ޕްރޮގްރާމެއް ހިންގަމުން އަންނަ ބައެކެވެ. ނޭވަލް އިންފޮމޭޝަން ވޯފެއާ ސެންޓަރ ޕެސިފިކްގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި ތަމްރީނުކުރާ ޑޮލްފިންތަކަކީ އަމިއްލައަށް މަރުވެގެން ހަމަލާދޭ "ކަމިކާޒީ" އެއްޗިއްސެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޖަނަވާރުތައް ބޭނުންކުރަނީ ކަނޑުއަޑީގައި ހުންނަ މައިންތައް ހޯދައި، އެ ތަންތަން ފާހަގަކުރުމަށެވެ. އެމެރިކާގެ ނޭވީން ބުނާ ގޮތުގައި ޑޮލްފިންތަކުގައި ހުންނަ ސޯނާރް ނިޒާމަކީ އިންސާނުންނަށް އެނގިފައިވާ އެންމެ ފެންވަރު ރަނގަޅު ނިޒާމަށްވާއިރު، ކަނޑުއަޑީގައި ބޭނުންކުރާ ޒަމާނީ ޑްރޯންތަކަށް ވުރެ ވެސް އެ ޖަނަވާރުތަކުގެ މަސައްކަތް މާ ފުރިހަމައެވެ.

ދުނިޔޭގެ މަސްރަހަށް ބަލާއިރު ޑޮލްފިންތައް އަސްކަރީ ކަންކަމުގައި ބޭނުންކުރަނީ ހަމައެކަނި އެމެރިކާއެއް ނޫނެވެ. ރަޝިޔާއިން ވެސް އެ ގައުމުގެ ބަނދަރުތައް ރައްކާތެރިކުރުމަށް ޑޮލްފިންތައް ބޭނުންކުރާކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ. އީރާނާ ގުޅޭގޮތުން ބީބީސީ އާއި އެންޑީޓީވީން ބުނެފައިވަނީ، 2000 ވަނަ އަހަރު އީރާނުން ޑޮލްފިންތަކެއް ގަނެފައިވާ ކަމަށެވެ. ނަމަވެސް އެ ޑޮލްފިންތައް މިހާރު ވަރަށް ބޮޑަށް މުސްކުޅިވެފައިވާނެތީ އެތަކެތި ބޭނުންކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އަދި މިހާރު އީރާނުގައި އެކްޓިވް ޑޮލްފިން ޕްރޮގްރާމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.