އަނޫޕަމްގެ ބޮލުގައި އަލުން އިސްތަށި ފެޅިޔަސް، ޓީއެމްސީ އެނބުރި ވެރިކަމަށް ނާންނާނެ: ބީޖޭޕީ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރުގެ ބޮލުގައި އަލުން އިސްތަށި ފެޅިނަމަވެސް ، ހުޅަނގު ބެންގާލްގެ ވެރިކަމަށް ދެން ތްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) އެނބުރި ނާންނާނެ ކަމަށް ބުނެ ބީޖޭޕީން އެ ޕާޓީއަށް ވަރުގަދަ ބަހުގެ ހަމަލާއެއް އަމާޒުކޮށްފިއެވެ.
ބެންގާލް ބީޖޭޕީގެ ރައީސް ސާމިކް ބަޓަޗާރިޔާ މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، މި ފަހަރުގެ އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީން 207 ގޮނޑި ކާމިޔާބުކޮށް، މަމަތާ ބެނަރޖީގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ބަޓަޗާރިޔާ ވިދާޅުވީ، އުޑު ބިމަށް ވެއްޓި ކަނޑު އުޑަށް އެރި ކަމުގައި ވިޔަސް، އަދި އިސްތަށި ފޭބުމުގެ ސަބަބުން ތަލަވެފައިވާ އަނޫޕަމް ކޭރުގެ ބޮލުގައި އިސްތަށި ފެޅި ކަމުގައި ވިޔަސް، ޓީއެމްސީއަށް ދެން ވެރިކަމަށް އާދެވުމަކީ "ހީވެސް ނުކުރެވޭހާ ދުރު" ކަމެއް ކަމަށެވެ. މި އިންތިޚާބުގައި ޓީއެމްސީއަށް ލިބުނީ އެންމެ 80 ގޮނޑި ކަމަށްވާއިރު، މިއީ 2021 ވަނަ އަހަރު އެ ޕާޓީން ހޯދި 215 ގޮނޑިއާ އަޅާބަލާއިރު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
ބީޖޭޕީގެ މި މިސާލަށް އަނޫޕަމް ކޭރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ސަމާސާކޮށް ޖަވާބު ދެއްވާފައެވެ. އޭނާ ކުރެއްވި ޕޯސްޓެއްގައި ބަޓަޗާރިޔާއާ މުޚާތަބުކޮށް "އަހަރެން ތިޔަބޭފުޅާއަށް ކުރީ ކޮން ކުށެއްތޯ؟" ސުވާލު ކުރައްވައި، އޭނާގެ ބޮލުގައި އިސްތަށި ފަޅުވަން ބޭނުންވަނީ ކީއްވެތޯ އައްސަވާފައިވެއެވެ. އަދި މިހާރު އޮތް ހާލަތުގައި ސަތޭކަ ދުވަސްވީ ނަމަވެސް ބޮލުގައި އިސްތަށި ހުރުމަށް ނޭދޭނެ ކަމަށް ވިދާޅުވެ، "ޖައި ޝްރީ ރާމް" އާއެކު ހިނި އަންނަ އިމޯޖީތަކެއް އޭނާ ވަނީ ބޭނުންކޮށްފައެވެ.
މި އިންތިޚާބުގެ ނަތީޖާއާއެކު ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނަރޖީ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައި، އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. މަމަތާ ވިދާޅުވީ ބީޖޭޕީއަށް ލިބުނު މެންޑޭޓަކީ "ވައްކަމުގެ" ނަތީޖާއެއް ކަމަށާއި، ގާތްގަނޑަކަށް 100 ގޮނޑިއެއްގެ ވޯޓު ގުނުން ގަސްތުގައި ލަސްކޮށް އޮޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް ބީޖޭޕީގެ ތަރުޖަމާން ސަމްބިތު ޕާތުރާ ވަނީ މަމަތާގެ މި ވާހަކަތައް ދޮގުކުރައްވައި، އެއީ ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ބީޖޭޕީން މިހާރު ދަނީ އަންނަ މެއި މަހުގެ 9 ވަނަ ދުވަހު ބެންގާލްގައި އާ ސަރުކާރެއް އެކުލަވާލުމަށް ތައްޔާރުވަމުންނެވެ. އެ ޕާޓީން ވަނީ މިފަހަރުގެ އިންތިޚާބުގައި ޖުމްލަ ވޯޓުގެ 45 އިންސައްތަ ކާމިޔާބުކޮށްފައެވެ.
Ads by MACL
