ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނަކީ ދުޝްމަނުންނަށް ބޯނުލަނބާ އަޚްލާޤީ އަދި ޒިންމާދާރު ބާރެއް: ރައީސް ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ---
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ---

އީރާނަކީ ދުޝްމަނުންނަށް ބޯނުލަނބާ އަޚްލާޤީ އަދި ޒިންމާދާރު ބާރެއް ކަމަށް އީރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ އީރާނަކީ އަޚްލާޤީ ހަމަތަކަށް ބޯލަނބާ، ޒިންމާދާރު ބާރެއް ކަމަށާއި، ނަމަވެސް އެޤައުމުގެ ދުޝްމަނުންނަކީ އެއްވެސް ޒިންމާދާރުކަމެއް ނެތް، ޖަވާބުދާރީނުވާ ބާރުތަކެއް ކަމަށެވެ.

އިޖުތިމާއީ މީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއަން ފާހަގަކުރެއްވި ގޮތުގައި، ސިޔާސަތުތަކަކީ ހަމައެކަނި ބާރުގެ ބޭނުންކުރުން ކަމުގައި ހަދައިފިނަމަ، އޭގެ ނަތީޖާއަކަށް ވާނީ މިހާރު ދުނިޔެއިން ފެންނަމުންދާ ފަދަ ހަލަބޮލިކަމާއި، އަނިޔާވެރިކަމާއި، ބޭއިންސާފު އަދި ކަނޑުފޭރުން ފަދަ ޢަމަލުތަކެވެ.

އީރާނުގެ ރައީސް އިތުރަށް ވިދާޅުވީ، އެޤައުމުގެ ޤައުމީ ސަގާފަތާއި ދީނީ އުޞޫލުތަކަށް ބަލާއިރު، އަޚްލާޤީ ސިފަތަކާ ނުލައި ބާރުގެ ބޭނުންކުރުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށެވެ.

އީރާނުން ދުނިޔެއަށް ދައްކައިދެނީ ޒިންމާދާރުކަމާއެކު ބާރުގެ ބޭނުންކުރާނެ ގޮތް ކަމަށް ވިދާޅުވެ، ޕެޒެޝްކިއަން ވަނީ އެމެރިކާ އާއި އިސްރާއީލް ފަދަ އީރާނުގެ ދުޝްމަނުންނަކީ ދުނިޔޭގެ މަސްލަހަތަށް ބެލުމެއް ނެތް، ޖަވާބުދާރީވުމެއް ނެތި އުޅޭ ފަރާތްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވަނީ ޓްރަމްޕާއި ނަތަންޔާހޫ ފަދަ ވެރިންނާއި، އެމެރިކާއާއި އިސްރާއީލުގެ އިސްވެރިން ގެންގުޅޭ ހަރުކަށި އަދި ޒިންމާދާރުކަން ކުޑަ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އަމާންކަން ގެއްލެމުންދާކަމަށް އިޝާރާތް ކުރައްވާފައެވެ.