ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާނުގެ ހަޟާރަތަކީ ބޮމަކުން ގޮއްވާލެވޭނެ އެއްޗެއް ނޫން: ބްރިގޭޑިއާ ޖެނެރަލް ޝައިޚް

އީރާނުގެ ސިފައިންގެ އެގްޒެކެޓިވް ޑެޕިއުޓީ، ބްރިގޭޑިއާ ޖެނެރަލް އަލީރެޒާ ޝައިޚް ----
އީރާނުގެ ސިފައިންގެ އެގްޒެކެޓިވް ޑެޕިއުޓީ، ބްރިގޭޑިއާ ޖެނެރަލް އަލީރެޒާ ޝައިޚް ----

އީރާނުގެ ހަޟާރަތަކީ ބޮމަކުން ގޮއްވާލެވޭނެ އެއްޗެއް ނޫންކަމަށާއި، އީރާނާ ދެކޮޅަށް ބޮޑާބަސް ބުނެ، އެ ގައުމު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ އިދިކޮޅު ފަރާތްތަކުން ހަދާސްޓްރެޓީޖިކް ގޯހެއް ކަމަށް އީރާނުގެ ސިފައިންގެ އެގްޒެކެޓިވް ޑެޕިއުޓީ، ބްރިގޭޑިއާ ޖެނެރަލް އަލީރެޒާ ޝައިޚް ވިދާޅުވެއްޖެއެވެ.

އީރާނުގެ އަސްކަރީ އިސްވެރިޔާ ވިދާޅުވީ، އީރާނަކީ ހަމައެކަނި ގައުމެއް ނޫން ކަމަށާއި، އެއީ މުއްސަނދި ތާރީޚެއް އޮތް ހަޟާރަތެއް ކަމަށެވެ. އަދި އެއްވެސް ހަޟާރަތަކީ ބޮމެއް ގޮއްވާލައިގެން ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ދުޝްމަނުންނަށް އިންޒާރު ދެއްވަމުން ޖެނެރަލް ޝައިޚް ވިދާޅުވީ، އީރާނާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން އެ ގައުމުގެ އަސްކަރިއްޔާއާއި، ތާރީޚާއި، ޖިއޮގްރަފީއަށް ނަޒަރު ހިންގާލަން ޖެހޭނެ ކަމަށެވެ. އީރާނުގެ އަސްލު ނޭނގި ތިބެ އެމެރިކާ އާއި އިސްރާއީލުގެ ވެރިން ދައްކާ ވާހަކަތަކުން ހާމަވަނީ އެމީހުންނަށް އީރާނުގެ ގައުމިއްޔަތު ވަޒަންކުރަން ނޭނގޭ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތާރީޚަށް ބަލާއިރު އީރާނަކީ އެތައް ހަނގުރާމަތަކެއް ތަހައްމަލުކޮށްފައިވާ ގައުމެއްކަން ފާހަގަކުރައްވައި ޝައިޚް ވިދާޅުވީ، ކޮންމެ ހާލަތެއްގައިވެސް އީރާނު އޮތީ ސާބިތުކަމާއެކު ކޮޅަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އީރާނު ދެމިއޮންނާނީ ފަޚުރުވެރި ކާމިޔާބު ގައުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ނަތަންޔާހޫ އާއި އެމެރިކާގެ ޓްރަމްޕް ފަދަ ވެރިން އީރާނު ނައްތާލާނެ ކަމަށް ބުނެ ދައްކާ ބިރުދެއްކުންތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އީރާނުގެ ރައްޔިތުންނަކީ ބޭރުގެ އުދުވާންތަކަށް ބޯލަނބާނެ ބައެއް ނޫން ކަމަށާއި، އެ ގައުމުގެ ދިގު ތާރީޚަކީ އޭގެ ހެއްކެއް ކަމަށެވެ.