ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

ބްލޮކޭޑް ނާކާމިޔާބުވެ އެމެރިކާގައި ތެލުގެ އަގު އުފުލިއްޖެ

އެމެރިކާގައި މިހާރު ތެޔޮ ގެލަންއެއްގެ އަގު ވަނީ 6 ޑޮލަރަށްވުރެ މައްޗަށް އަރާފައި ---
އެމެރިކާގައި މިހާރު ތެޔޮ ގެލަންއެއްގެ އަގު ވަނީ 6 ޑޮލަރަށްވުރެ މައްޗަށް އަރާފައި ---

ހޯރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބްލޮކޭޑް ނާކާމިޔާބުވެ، އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު ހަ ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެއެވެ.

އެމެރިކާގެ ރިސްކް ކޮންސަލްޓިން ފާމެއް ކަމަށްވާ އޮބްސިޑިއަންގެ ޑިރެކްޓަރު ބްރެޓް އެރިކްސަން ބުނިގޮތުގައި، ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްގެން ހިފެހެއްޓުމަށް އެމެރިކާއިން ކުރި މަސައްކަތަކީ އެއްވެސް ނަތީޖާއެއް ނެތް، ބޮޑު ނާކާމިޔާބީއެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްގެން ހިފެހެއްޓުމުން ތިން ދުވަސް ތެރޭގައި އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ސުންނާފަތިވާނެ ކަމަށެވެ. ނަމަވެސް އެރިކްސަން ފާހަގަކުރި ގޮތުގައި ޓްރަމްޕްގެ އެ ނިންމުންތަކާއި އަންދާޒާތައް މުޅިން ގޯހެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައިގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ކެލިފޯނިއާ ފަދަ ސަރަހައްދުތަކުގައި މިހާރު ތެޔޮ ގެލަންއެއްގެ އަގު ވަނީ 6 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

މިކަމާ ގުޅިގެން ކެލިފޯނިއާގެ ގަވަރުނަރު ވަނީ ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އީރާނާ ދެކޮޅަށް ޓްރަމްޕް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުން ދައްކަން ޖެހިފައިވާ "ވޯ ޓެކްސް" އެކެވެ. މިކަމުގެ ސަބަބުން އެމެރިކާގެ އާންމު ރައްޔިތުންގެ ޖީބުން ބިލިއަނުން ޑޮލަރު އިތުރަށް ހޭދަކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.