ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އެމެރިކާގެ ޖާސޫސީ ނެޓްވޯކުގެ މަޢުލޫމާތު އީރާނުން ރަޝިޔާއާއި ޗައިނާއާ ހިއްސާކޮށްފި

އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މުސްޠަފާ ޕޫރްމުޙައްމަދީ ---
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މުސްޠަފާ ޕޫރްމުޙައްމަދީ ---

އެމެރިކާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޖާސޫސީ ނެޓްވޯކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް އީރާނުން ރަޝިޔާއާއި ޗައިނާއާ ހިއްސާކޮށްފައިވާކަން އެ ގައުމުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މުސްޠަފާ ޕޫރްމުޙައްމަދީއެވެ.

ޕޫރްމުޙައްމަދީ ވިދާޅުވި ގޮތުގައި އީރާނުން ވަނީ އެމެރިކާގެ ސީ.އައި.އޭ އިން ގެންގުޅޭ ސައިބަރ ނެޓްވޯކްތަކާއި، އެމީހުން މުއާމަލާތް ކުރުމަށް ގެންގުޅޭ ސިއްރު ވަސީލަތްތައް ދެނެގަނެފައެވެ. އަދި މި ނެޓްވޯކްތައް އަތުލައިގަތުމަށްފަހު، އެމެރިކާގެ ނުފޫޒު ކުޑަކުރުމުގެ ބޭނުމުގައި އެ މަޢުލޫމާތުތައް އީރާނުގެ ބައިވެރިން ކަމަށްވާ ރަޝިޔާއާއި ޗައިނާއާ ހިއްސާކުރީ ކަމަށް އޭނާ ބުނެފައިވެއެވެ.

މި މަޢުލޫމާތުތަކުގެ އެހީގައި އެމެރިކާގެ އެތައް ޖާސޫސުންނެއް ދުނިޔޭގެ އެކި ގައުމުތަކުން އަތުލައިގަނެވިފައިވާ ކަމަށްވެސް އީރާނުން ބުނެއެވެ. މިއީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އީރާނުން މިފަދަ ފިޔަވަޅެއް އެޅީ އެމެރިކާއާއި އިސްރާއީލުން އެ ގައުމާ ދެކޮޅަށް ހިންގާ ނޭދެވޭ ހަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ޚާއްޞަކޮށް ޓްރަމްޕް ފަދަ ވެރިންނާއި، ނަތަންޔާހޫ އިސްވެ ހުރެ ފަލަސްޠީނާއި މެދުއިރުމަތީގައި ހިންގާ ޖަރީމާތަކަށް އެމެރިކާއިން ވާގިވެރިވާތީ، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން އަންނަނީ އެމެރިކާގެ ސިއްރުތައް ދުނިޔެއަށް ހާމަކުރަމުންނެވެ.

މި ހާމަކުރުންތަކާ ގުޅިގެން އެމެރިކާއާއި އިސްރާއީލުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެމެރިކާގެ ދޮގުވެރި ރޭވުންތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށެވެ.