ލަންކާގައި ޕޭޕަލްގެ ހިދުމަތް މި މަހު 15 ގައި ފަށަނީ
ސްރީލަންކާގެ ފްރީލާންސަރުންނާއި އޮންލައިން ވިޔަފާރިވެރިން އެތައް ދުވަހަކު ކުރި އިންތިޒާރަށް ނިމުމެއް އައިސް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ޕޭޕަލްގެ ފުރިހަމަ ހިދުމަތް ދޭން ފަށާނެކަމުގެ އުންމީދު ބޮޑުވެއްޖެ އެވެ.
ސްރީލަންކާގެ ގައުމީ ޓީވީ ނެޓްވޯކް، އެސް.އެލް.އާރް.ސީ އިން ބުނި ގޮތުގައި މި މަހުގެ މެދުތެރޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިއީ ބޭރު ގައުމުތަކުން ލިބޭ ފައިސާ ސީދާ ލަންކާގެ ބޭންކު އެކައުންޓްތަކަށް ޖަމާކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެ ގައުމުގެ ޒުވާނުންނާއި ޑިޖިޓަލް މަސައްކަތްތެރިން ކުރަމުން އައި އާދޭހަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން ޕޭޕަލް އިންނާއި ލަންކާ ސަރުކާރުގެ އިދާރާތަކުން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، ލަންކާގެ "ނިއުސްވަޔަ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އިސް އޮފިޝަލުން ވަނީ މިދިޔަ މަހު އެ ގައުމަށް ޒިޔާރަތްކޮށްފަ އެވެ. އެ ދަތުރުގައި ހިދުމަތް ފެށުމަށް ބޭނުންވާ ފަންނީ އަދި އިދާރީ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މަސްދަރުތަކުން ކަށަވަރުކޮށްދެ އެވެ.
ސްރީލަންކާގައި ޕޭޕަލް މެދުވެރިކޮށް މުދަލާއި ހިދުމަތަށް ފައިސާ ދެއްކުމުގެ ފުރުސަތު ކުރިންވެސް އޮތް ނަމަވެސް، އެ ގައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކައުންޓަށް ފައިސާ ބަލައިގަތުމަށް (Receive money) ހުރި ހުރަސްތަކެވެ. މި ހިދުމަތް ފުރިހަމައަށް ލިބެން ފެށުމުން، ބައިނަލްއަގުވާމީ މާކެޓްގައި މަސައްކަތްކުރާ ފްރީލާންސަރުންނަށް އެމީހުންގެ އާމްދަނީ އެއްވެސް ދަތިކަމެއް ނެތި ގައުމަށް ގެނައުމުގެ ދޮރު ހުޅުވިގެންދާނެ އެވެ.
އެސް.އެލް.އާރް.ސީ އިން މި މަހުގެ 15 އަށް ތާރީހު ކަނޑައަޅާފައިވީ ނަމަވެސް، ހިދުމަތް ދޭނެ ދާއިރާތަކާއި އޭގެ ތަފްސީލީ މައުލޫމާތު އަދި އޮތީ ސިއްރުވެފަ އެވެ. ކަމާބެހޭ އޮފިޝަލުން ރަސްމީކޮށް މިކަން އިއުލާން ކުރަންދެން، ގިނަ ބަޔަކު ތިބީ މި އުންމީދީ ހަބަރާ އެކު ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ.
Ads by MACL
