މީދާ މަރާ ވިހަ ހުރި ކަރާއެއް ކައިގެން މުމްބާއީ އާއިލާއެއް މަރުވެއްޖެ
މުމްބާއީގައި އާއިލާއެއްގެ ހަތަރު މީހުން މަރުވީ އެމީހުން ކޭ ކަރާގެ ތެރޭގައި ހުރި މީދާ މަރާ ވިހައަކުންކަން ހާމަވެއްޖެއެވެ.
މުމްބާއީގެ މުސްލިމް އާއިލާއެއްގެ ހަތަރު މީހުން ކުއްލި ގޮތަކަށް މަރުވި މި ހާދިސާއަކީ އާދައިގެ ފުޑް ޕޮއިޒަނިންގެ މައްސަލައެއް ނޫން ކަމަށާއި، އެމީހުން މަރުވީ ކަރާގެ ތެރޭގައި ހުރި މީދާ މަރާ ވިހައެއްގެ ބާވަތެއް ކަމަށްވާ "ޒިންކް ފޮސްފައިޓް" ހަށިގަނޑަށް ދިއުމުގެ ސަބަބުން ކަމަށް ފޮރެންސިކް ތަހުލީލުތަކުން ވަނީ ދައްކައިފައެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 45 އަހަރުގެ އަބްދުﷲ ޑޮކާޑިއާ އާއި އޭނާގެ އަންހެނުން ނަސްރީންގެ އިތުރުން އެމީހުންގެ ދެ އަންހެން ދަރިން ކަމަށްވާ ޒައިނަބާއި އައިޝާއެވެ.
ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގި ރޭ އެ އާއިލާއިން ވަނީ ގޭގައި ރަހުމަތްތެރިންނަށް ހާއްސަ ދައުވަތެއް ދީފައެވެ. ނަމަވެސް މެހެމާނުން ދިއުމަށްފަހު ދަންވަރު އެކެއް ޖަހާކަންހާއިރު އާއިލާގެ ހަތަރު މީހުން ކަރާ ކެއި ނަމަވެސް، އެރޭ ކެއި އެހެން ކާނާގެ ބާވަތްތައް ބޭނުންކުރި އެއްވެސް މެހެމާނަކަށް ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ.
ކަރާ ކެއިތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން އާއިލާގެ ހަތަރު މީހުންނަށް ވެސް ބޮޑަށް ހޮނޑުލުމާއި ބޭރަށް ހިންގުން ފަދަ އަލާމާތްތައް ފެނި، ހާލަތު ގޯސްވެގެން ގަޑިއިރުތަކެއްގެ ތެރޭގައި ހަތަރު މީހުން ވެސް ވަނީ މަރުވެފައެވެ. ފުރަތަމަ މިކަމަކީ ކަރާ ކެއުމުން ދިމާވި ސިއްހީ މައްސަލައެއް ކަމަށް ބެލެވުނު ނަމަވެސް، ޕޯސްޓްމޯޓަމް ރިޕޯޓުން ފެނުނު ނިޝާންތަކާއެކު ތަހުގީގުގެ މިސްރާބު ވަނީ ބަދަލުވެފައެވެ.
ފޮރެންސިކް ރިޕޯޓުތަކުން ހާމަވި ގޮތުގައި މަރުވި މީހުންގެ ހަށިގަނޑުންނާއި އެމީހުން ކެއި ކަރާގެ ސާމްޕަލްތަކުން ވެސް މީދާ މަރަން ބޭނުންކުރާ ނުރައްކާތެރި މާއްދާއެއް ކަމަށްވާ ޒިންކް ފޮސްފައިޓްގެ އަސަރު ވަނީ ފެނިފައެވެ.
މީގެ އިތުރުން މަރުވި މީހުންގެ ހިތާއި ސިކުނޑި އަދި ގޮހޮރުގެ ބައެއް ބައިތައް ފެހި ކުލައަށް ބަދަލުވެފައި ހުރުމަކީ ވިހައެއްގެ ސަބަބުން މަރުވުމުން ފެންނަ އާންމު އަލާމާތެއް ކަމަށް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައިގައި އިތުރު ސުވާލުތަކެއް އުފެދުނީ އާއިލާގެ ބަޕަ އަބްދުﷲގެ ހަށިގަނޑުން ވަރުގަދަ ތަދުކަނޑުވާ ބޭހެއް ކަމަށްވާ މޯފިންގެ އަސަރު ފެނުމުންނެވެ. ފުލުހުން މިހާރު މަސައްކަތް ކުރަމުންދަނީ ކަރާގެ ތެރެއަށް މި ވިހަ މާއްދާ ދިޔަ ގޮތެއް ހޯދުމަށެވެ. އެގޮތުން މިއީ އެކްސިޑެންޓަކުން ދިމާވި ކަމެއްތޯ ނުވަތަ ގަސްތުގައި މީހަކު ކަރާގެ ތެރެއަށް ވިހަ އިންޖެކްޓް ކުރީތޯ ބެލުމަށް ފުލުހުން ދަނީ ތަހުގީގު ފުޅާކުރަމުންނެވެ.
Ads by MACL
