ތަމަޅަ ސުޕަސްޓާރު ވިޖޭގެ 80 ކްރޯޑްގެ ޝާހީ ގެކޮޅުގެ ތަފްސީލުތައް އާންމުވެއްޖެ
އިންޑިއާގެ ސިނަމާގައި ރަސްކަން ކުރަމުންދާ އަދި މިހާރު ސިޔާސީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ތަލަޕަތީ ވިޖޭގެ 80 ކްރޯޑް ރުޕީސްގެ ޝާހީ ގެކޮޅުގެ ތަފްސީލުތައް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން މިވަނީ އެއަށް ހުއްޓިފައެވެ.
ޗެންނައިގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ނީލަންކަރައިގެ ބީޗްފްރަންޓްގައި ހުންނަ މި މަންޝަނަކީ ޒަމާނީ ފެންވަރުގެ ހުރިހާ ލަގްޒަރީ ވަސީލަތްތަކެއް އެކުލެވިގެންވާ ތަނެކެވެ.
ވިޖޭގެ "ތަމިޅަގަ ވެޓްރި ކަޅަގަމް" (TVK) ޕާޓީން މިފަހަރުގެ އިންތިޚާބުގައި ލިބެމުންދާ ކާމިޔާބީއާ ގުޅިގެން، އޭނާގެ މި ޝާހީ ގެކޮޅު ހުންނަ ކެޝުއަރީނާ ޑްރައިވް ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ބޭ އޮފް ބެންގާލްގެ ހިތްގައިމު މޫދު ފެންނަ ގޮތަށް ހުންނަ މި ގެކޮޅުގެ އަގު އުޅެނީ 70 އާއި 80 ކްރޯޑް އިންޑިއާ ރުޕީސްއާ ދެމެދުގައެވެ.
މި މަންޝަން ފަރުމާކޮށްފައިވަނީ މިޒަމާނީ މޮޑާން ސްޓައިލަށެވެ. ގޯތިތެރޭގައި ޕްރައިވެޓް ޖިމަކާއި، ސްވިމިންގ ޕޫލެއްގެ އިތުރުން އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ، ވަރަށް ބޮޑު ބަގީޗާއެއް އޮވެއެވެ. މި ބަގީޗާ ފަރުމާކޮށްފައިވަނީ ތާޒާ ލޯންތަކާއި ހިތްގައިމު ހިނގާ މަގުތައް ހިމެނޭ ގޮތަށެވެ.
ގޭގެ އެތެރޭގެ ބައިތައް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، ގިނަ އަލި ވަންނަ ގޮތަށެވެ. ބިންމަތިން ފެށިގެން ސީލިންގާ ހަމައަށް ހުންނަ ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުގެ ސަބަބުން ގެތެރެއަށް ގުދުރަތީ އަލި ލިބި، މުޅި މާހައުލު އިތުރަށް ފުރިހަމަކޮށްދެއެވެ.
ދިރިއުޅޭ ބައިގައި ހުންނަނީ ވިޖޭގެ ޝަޚްސިއްޔަތު ރަމްޒުކޮށްދޭ ފަދަ އައިވަރީ ކުލައިގެ ސޯފާތަކާއި، ލަކުޑި ޕެނަލިންގްގެ އިތުރުން ވަރަށް ތަފާތު އާޓްވޯކްތަކެވެ. މި ގެކޮޅަކީ ސެލެބްރިޓީއަކަށް ބޭނުންވާނެ ހުރިހާ ފަސޭހަތަކަކާއި، ޝާހީ ދިރިއުޅުމެއްގެ ފުރިހަމަ މިސާލެއް ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
Ads by MACL
