ބުދަ، 18 ނޮވެމްބަރު 2026
ދީން

ހެޔޮ ގޮތުގައި ކުރެވޭ ޙައްޖަކަށް ވުމަށްޓަކައި އިޚްލާޞްތެރި ތައުބާއެއްވުން މުހިންމު: ޚުޠުބާ

ހެޔޮ ގޮތުގައި ކުރެވޭ ޙައްޖަކަށް ވުމަށްޓަކައި އިޚްލާޞްތެރި ތައުބާއެއްވުން މުހިންމު: ޚުޠުބާ

ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެފައިވާ މީހާ، އެކަމަށް ލަސްނުކޮށް އަވަސްވެގަތުމަކީ ރަސޫލާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ކަމެއް ކަމަށާއި، އެ އަޅުކަމަކީ ހެޔޮ ގޮތުގައި ކުރެވޭ މަޤްބޫލު ޙައްޖަކަށް ހެދުމަށްޓަކައި ދަތުރަށް ފުރުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހެޔޮ ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫޢަށް ދިން ޚުތުބާގައި ބުނެފައިވަނީ، ޢުމުރުން އެއްފަހަރު ޙައްޖާއި ޢުމްރާ އަދާކުރުމަކީ ވާޖިބެއް ކަމަށާއި، އަދި އެއަށްފަހު އިތުރަށް އެ އަޅުކަންތައް ތަކުރާރު ކުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބިގެންވާ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ.

ޝަރުޢީ ދަލީލުތަކުން ސާބިތުވާ ގޮތުގައި، އިޚްލާޞްތެރިކަމާއެކު އަދާކުރާ މަޤްބޫލު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ، ކޮންމެ އަޅުކަމެއްވެސް މާތް اللهގެ ޙަޟުރަތުގައި ގަބޫލުވެގެންދާނީ އެކަމެއްގެ ޝަރުޠުތައް ފުރިހަމަވެގެން ކަމަށެވެ. އެގޮތުން ޙައްޖަށް ފުރުމުގެ ކުރިން ތިމާގެ ދަރަންޏާއި ލިބެން ހުރި ތަކެތީގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ އަނެއް ކަމަކީ، ޙައްޖުގެ ދަތުރަށް ކުރާ ޚަރަދާއި، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ބޭނުންކުރާ ފައިސާއަކީ ޙަލާލު ގޮތުގައި ހޯދާފައިވާ ތަކެތި ކަމުގައި ހެދުމެވެ. ޙަރާމް މުދަލުން ކުރާ ޚަރަދަކީ އަޅުކަމުގެ މަޤްބޫލުކަމަށް ހުރަސްއެޅޭނެ ކަމެއްކަމުގެ އިޝާރާތެއް ޚުތުބާގައި ވަނީ ދީފައެވެ.

ޙައްޖުގެ އަޅުކަން ނިންމާފައި އަންނަ މީހާގެ ކިބައިން ފެންނަންޖެހޭ އެންމެ މުހިންމު ޢަލާމާތަކީ އޭނާގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތައް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން މާތް الله ނަހީކުރެއްވި ކަންކަމުން ދުރުހެލީވެ، އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިވެ، އިޞްލާޙީ މަގުގައި ދެމިހުރުމަކީ އެމީހެއްގެ ޙައްޖު މަޤްބޫލުވިކަމުގެ ހެއްކެއް ކަމުގައި ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.