އެމެރިކާއާއި ބަހްރޭނުން ސަލާމަތީ މަޖިލީހުގެ ނަހަމަ ފައިދާ ނަގަނީ: އަރަގްޗީ
އެމެރިކާއާއި ބަހްރޭނުން އދ. ގެ ސަލާމަތީ މަޖިލީހުގެ ނަހަމަ ފައިދާ ނަގަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެ ދެ ގައުމުން ހޮރްމޫޒް ކަނޑުއޮޅީގެ މަޝްރަހާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރަކީ އެއްފަރާތަކަށް ޖެހިފައިވާ އުދުވާނީ އަމަލެއްގެ ގޮތުގައި އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ ސިފަކުރައްވައިފިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އިތުރުން ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކަށް ފޮނުއްވި ސިޓީއެއްގައި އަރަގްޗީ ވިދާޅުވީ، އިސްތިއުމާރީ ބާރުތަކުން އެމީހުންގެ ޣައިރު ގާނޫނީ އަމަލުތައް ދިފާއުކުރުމަށްޓަކައި ސަލާމަތީ މަޖިލީހަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ބައިނަލްއަގުވާމީ މުޖުތަމައުން ދީގެން ނުވާނެ ކަމަށެވެ.
އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގެ މިހާރުގެ ހާލަތަކީ އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ އަދި ބާތިލު ހަނގުރާމައިގެ ސީދާ ނަތީޖާއެކެވެ. އަދި އެމެރިކާގެ އައްސޭރިފަށާ އެތައް ހާސް މޭލެއް ދުރުގައި އޮތް ސަރަހައްދެއްގައި އެ ގައުމުން ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށްޓަކައި ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، އެމެރިކާއާއި ބަހްރޭނުން ހުށަހެޅި ގަރާރަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެމެރިކާއިން އީރާނުގެ އުޅަނދުތަކަށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ކަނޑުގެ ބްލޮކޭޑްތައް ފޮރުވަން ކުރާ މަސައްކަތެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އަރަގްޗީގެ ސިޓީގައި ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތައް އަމިއްލަ ފައިދާއަށްޓަކައި ބަދަލުކޮށް، އުދުވާނީ ހަމަލާތަކަށް އޮންނަ ހުރަސްތައް ނައްތާލުމަށް ބައެއް ގައުމުތަކުން ކުރާ މަސައްކަތްތަކާ މެދު މުޅި ދުނިޔެ ސަމާލުވުމަށް ގޮވާލައްވާފައެވެ.
Ads by MACL
