ޝަރުތުތަކާއެކު އީރާނުން ވޯލްޑް ކަޕްގައި ބައިވެރިވާން ނިންމައިފި
މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ބައިވެރިވާނެކަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާންކޮށްފިއެވެ. ނަމަވެސް، މުބާރާތް ބާއްވާ ގައުމުތައް ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާއިން އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްބަސްވާން ޖެހޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
އަންނަ ޖޫން މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި މުބާރާތުގައި އީރާނުން ބައިވެރިވުމާމެދު ސުވާލު އުފެދިފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުތަކާ ގުޅިގެންނެވެ.
އީރާނުގެ ފެޑެރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ކޮލިފައިވެފައިވާ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހަނިކުރުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި އީރާނުގެ ގަބޫލުކުރުންތަކާއި، ސަގާފަތާއި، އަގީދާއަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން މުބާރާތުގައި ބައިވެރިވާނެ ކަމަށްވެސް އެ ފެޑެރޭޝަނުން ބުންޏެވެ.
މިދިޔަ މަހު ކެނެޑާގައި ބޭއްވި ފީފާ ކޮންގްރެސްއަށް ވަޑައިގަތުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސަށް ކެނެޑާއިން ވިސާ ނުދިނުމާ ގުޅިގެން، އީރާނުގެ ވަފުދު ވަނީ އެ ކޮންގްރެސްގައި ބައިވެރިނުވެ އަނބުރާ ގައުމަށް ގޮސްފައެވެ. އެކަމަށް އިޝާރާތްކޮށް އީރާނުން ބުނީ، މުބާރާތް ބާއްވާ ގައުމުތަކަށް މެހުމާންދާރީ އަދާކުރަން ނޭނގޭނަމަ، އެކަން އެހެން ބަހަކުން ދަސްކޮށްދޭން އީރާނަށް އެނގޭ ކަމަށެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖު ވިދާޅުވި ގޮތުގައި، މުބާރާތުގައި ބައިވެރިވުމަށް 10 ޝަރުތެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ވިސާގެ ކަންކަން ހަމަޖެއްސުމާއި، ގައުމީ ޓީމުގެ މުވައްޒަފުންނާއި، ދިދަ އަދި ގައުމީ ސަލާމަށް އިހުތިރާމް ކުރުމުގެ އިތުރުން އެއާޕޯޓްތަކާއި ހޮޓާތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުން ހިމެނެއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ އީރާނުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ ވަފުދުގެ މެންބަރުން އެމެރިކާއަށް އެތެރެވުން މަނާކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވަނީ އިންޒާރު ދީފައެވެ.
މަހްދީ ތާޖު ވަނީ އައި.އާރު.ޖީ.ސީ ގައި އަސްކަރީ ހިދުމަތް ފުރިހަމަކޮށްފައިވާ މެހްދީ ތަރޭމީ އާއި އިހްސާން ހާޖްސާފީ ފަދަ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެއްވެސް ދަތިކަމެއް ނެތި ވިސާ ލިބެންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ ތާވަލާ އެއްގޮތަށް އީރާނުގެ މެޗުތައް އެމެރިކާގައި ކުރިއަށްދާނެ ކަމަށެވެ.
ވޯލްޑް ކަޕްގައި އީރާނު ހިމެނެނީ ގްރޫޕް ޖީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ނިއުޒީލަންޑް، ބެލްޖިއަމް އަދި މިސްރެވެ. އީރާނުގެ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނުކުންނާނީ ނިއުޒީލަންޑާ ދެކޮޅަށެވެ.
Ads by MACL
