ދުނިޔޭގެ ހަތަރުވަނަ ސުޕަޕަވަރަށް އީރާނު ވެއްޖެކަމަށް އެގައުމުން ބުނެފި
ދުނިޔޭގެ ހަތަރުވަނަ ސުޕަޕަވަރަށް އީރާނު ވެއްޖެކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ މަޖިލީހުގެ ނައިބު ރައީސް ހާމިދު ރިޒާ ހާޖީ ބާބާއީ ވިދާޅުވީ، ފަހަކަށް އައިސް ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު އިސްލާމީ ޖުމްހޫރިއްޔާގެ ބާރުވެރިކަމުގެ އައު ބާބެއް ފެށިފައިވާ ކަމަށާއި، އީރާނަކީ މިހާރު ދުނިޔޭގެ ހަތަރުވަނަ ސުޕަޕަވަރު ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ ސިޔާސަތަކީ އެމެރިކާއަށް ދޫދިނުން ނޫން ކަމަށާއި، އެއީ އެމެރިކާއާ ސީދާ ކުރިމަތިލުން ކަމަށެވެ.
އެމެރިކާއިން ކުރިމަތިލުންތައް އުފައްދައިގެން މަސައްކަތް ކުރީ އީރާނު ފަސް ބަޔަކަށް ނުވަތަ ހަ ބަޔަކަށް ބައިބައިކޮށްލުމަށް ކަމަށް ހާޖީ ބާބާއީ ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްލު ބޭނުމަކީ މުޅި ސަރަހައްދުގައި "މަގްރިބީ އިސްރާއީލް" ގެ ބާރު ފަތުރައި، މައްކާއާއި މަދީނާއާ ހަމައަށް ޔަހޫދީންގެ ނުފޫޒު ފޯރުވުމެވެ.
އީރާނަށް ހަމަލާދިނުމުގެ ކުރިން އެމެރިކާގެ ދިރާސާކުރާ ފަރާތްތަކުން ތިން ސަބަބެއް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އީރާނުގެ ދިގު ތާރީޚާއި، އިސްލާމްދީނުގެ ސާފު އުސޫލުތަކާއި، އީރާނުގެ ރައްޔިތުންގެ ތޫނުފިލިކަމެވެ. އެމެރިކާއިން ގަބޫލުކުރި ގޮތުގައި މިކަންކަމުގެ ސަބަބުން އީރާނު ހުއްޓުވުމަށް ލަސްކޮށްފިނަމަ، އެ ގައުމަކީ އެއްވެސް ބަޔަކަށް އަޅާނުކިޔޭނެ ފަދަ ބާރުގަދަ ގައުމަކަށް ވެގެންދާނެއެވެ.
ދާދި ފަހުން ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއާއި އިތުރު 54 ގައުމަކުން އީރާނާ ދެކޮޅަށް ފުރިހަމަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އިރާގާއި ޔަމަނުގެ މުޖާހިދުންނާއި ލުބުނާނުގެ ހިޒްބުالله ފަދަ "މުގާވަމާ" ޖަމާއަތްތަކުގެ އެހީތެރިކަމާއެކު އެމެރިކާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ހާޖީ ބާބާއީ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުން ވެސް މިހާރު އީރާނަކީ އިސްލާމީ ސުޕަޕަވަރެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ. އަދި ހޯމްޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ އެއް މަސް ދުވަހުގެ ތެރޭގައި އެމެރިކާއާއި ޔޫރަޕްގެ އިގްތިސާދު ފުނޑުފުނޑުވެ، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެކަން މުޅި ދުނިޔެއަށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އދ. ގެ ސަލާމަތީ މަޖިލީހުން ނެރެފައިވާ ނިންމުންތައް ބާތިލުކުރަން ޖެހޭނެ ކަމަށް އޭނާ ގޮވާލެއްވިއެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެއްވެސް ބަޔަކާ މަޝްވަރާ ކުރާނެ ކަމެއް ނޫން ކަމަށާއި، އެމެރިކާގެ އަސްކަރީ ފައުޖުތައް މި ސަރަހައްދުން ދާއިމީކޮށް ފޭބުމަށް ވެސް އޭނާ ބާރުއެޅުއްވިއެވެ.
Ads by MACL
