އީރާނުގެ ޝަރުޠުތަކަށް ޓްރަމްޕް އިންކާރުކުރުމާއެކު ތެލުގެ އަގު އުފުލިއްޖެ
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ތެހްރާނުން ހުށަހެޅި ޝަރުޠުތައް ބަލައިނުގަނެވޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލި ބައިނަލްއަޤުވާމީ މަސްރަހު އިތުރަށް ގޯސްވެއްޖެއެވެ.
ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ޓްރަމްޕް އިސްވެ ފެށި މި ހަނގުރާމައަށް 10 ހަފުތާ ވެފައިވާއިރު، މިހާރު ދެ ފަރާތުން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ނަމެއްގައި އަމަލުކުރަމުން ދިޔަ ނަމަވެސް، ޓްރަމްޕްގެ ނިންމުމާއެކު އަނެއްކާވެސް ބޮޑު ކުރިމަތިލުމަކަށް ދިއުމުގެ ބިރު ވަނީ ހީވެފައެވެ.
ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ނައިސް ދިގުލައިގެން ދިއުމަކީ ތެޔޮ ފީފާއެއްގެ އަގު ހަތަރު ޑޮލަރަށްވުރެ ބޮޑަށް އުފުލެން މެދުވެރިވި ސަބަބެކެވެ. އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވުމުގެ ކުރިން، ލުބްނާނުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ހުއްޓުވުމަށް ބާރުއަޅުއްވާފައެވެ. ނަމަވެސް ވޮޝިންގޓަނުން ބޭނުންވަނީ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ދެއްކުމުގެ ކުރިން މިހާރު ހިނގާ ހަނގުރާމަ މުޅިން ހުއްޓައިލުމަށެވެ.
ތެހްރާނުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމާއި، ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ޤަބޫލުކުރުމުގެ އިތުރުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން ހިމެނެއެވެ. އެހެންނަމަވެސް މީސްމީޑިޔާ މެދުވެރިކޮށް ޓްރަމްޕް ވަނީ މި ޝަރުޠުތަކަށް ސީދާ ދެކޮޅު ހައްދަވާފައެވެ. މި ނުތަނަވަސްކަމުގެ ތެރެއިން އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް ޓްރެކިންގ ނިއްވާލައިގެން ދަތުރުކުރަމުންދާއިރު، ނޭޓޯގެ ބައިވެރިން ވެސް ވަނީ ކަނޑުއޮޅި ހުޅުވުމަށް މަނަވަރު ފޮނުވަން ދެކޮޅު ހަދާފައެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި މަޤުބޫލު ކަމަކަށް ނުވާއިރު، މިކަމުގެ ސަބަބުން ކުރިއަށް އޮތް އެމެރިކާގެ އިންތިޚާބަށް ޓްރަމްޕަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. މި ދަނޑިވަޅުގައި، ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް ދިޔަ ނަމަވެސް، ލުބްނާނުގައި ހިންގަމުންދާ ޤަތުލުޢާންމު ހުއްޓާނުލާނެ ކަމުގެ އިންޒާރު ދީފައެވެ.
މި މަހުގެ 13 ވަނަ ދުވަހު ޓްރަމްޕް ޗައިނާއަށް ކުރާ ދަތުރުގައި ރައީސް ޝީ ޖިންޕިންގއާ ބައްދަލުކޮށް އީރާނުގެ މައްސަލައިގައި ވާހަކަދައްކާނެ ކަމަށް ބެލެވެއެވެ. ޓްރަމްޕް ވިދާޅުވަނީ އީރާނުގެ އަސްކަރީ ބާރު ކެނޑިފައިވީ ނަމަވެސް އެ ޤައުމު އަދި މުޅިން ބަލިނުކުރެވޭ ކަމަށެވެ. އަނެއްކޮޅުން، އަވަށްޓެރި ޢަރަބި ޤައުމުތަކުން ވަނީ އީރާނުން ދިން ކަމަށް ބުނާ ޑްރޯން ހަމަލާތަކެއް ދިފާޢުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
Ads by MACL
