ހޯރްމުޒް ކަނޑުއޮޅި ދާއިމީކޮށް ބަންދުކޮށްފިނަމަ ގަލްފުގެ އިގްތިސާދު ފުނޑުފުނޑުވެދާނެ: މާހިރުން
ހޯރްމުޒް ކަނޑުއޮޅި ދާއިމީގޮތަކަށް ބަންދުކޮށްފިނަމަ، ގަލްފުގެ ގައުމުތަކުގެ އިގްތިސާދު މުޅިން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރިޓަޔަރޑް ލެފްޓިނަންޓް ކާނަލް ކަރެން ކިއުއަޓްކޯވްސްކީ ދީފިއެވެ.
އޭނާ ފާހަގަކުރި ގޮތުގައި ގަލްފުގެ ގައުމުތަކުން އެ ގައުމުތަކުގެ އިގްތިސާދު ބިނާކޮށްފައިވަނީ މުޅިންހެން ކަނޑުމަގުން ކުރާ ވިޔަފާރިއަށެވެ.
ކިއުއަޓްކޯވްސްކީ ބުނި ގޮތުގައި އީރާނާ ހިލާފަށް، ގަލްފުގެ ގައުމުތަކަށް ކަނޑުއޮޅި ބަންދުކުރުމުން ކުރިމަތިވާނެ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލްކަން ކުޑައެވެ. އީރާނުން މިހާރުވެސް އޭޝިއާގެ މާކެޓްތަކަށް މުދާ އެކްސްޕޯޓް ކުރުމަށާއި ބޭނުންވާ ތަކެތި އެތެރެކުރުމަށް އެއްގަމު މަގުތައް ބޭނުންކުރަމުންދާ ކަމަށާއި، އިތުރު މަގުތައް ބިނާކުރުމުގެ މަޝްރޫއުތައް ރާވަމުންދާ ކަމަށް އޭނާ ބުންޏެވެ.
މި ސަބަބަށްޓަކައި ހޯރްމުޒް ކަނޑުއޮޅި ދާއިމީކޮށް ބަންދުކުރި ނަމަވެސް އީރާނަށް ސަލާމަތްވެވިދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. ނަމަވެސް ގަލްފުގެ ގައުމުތަކަކީ ކަނޑުގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ބަޔަކަށް ވާތީ، އެފަދަ ހާލަތެއްގައި އެ ގައުމުތަކަށް ދެމިއޮތުމަކީ ނާދިރު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން، މި ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާމެދު ދުނިޔޭގެ ސަމާލުކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް އެމެރިކާގެ ލީޑަރުންނާއި އިސްރާއީލުގެ ނަތަންޔާހޫ ފަދަ ވެރިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ބޮޑުވެ، ހަކަތައިގެ މާކެޓަށް އޭގެ ނޭދެވޭ އަސަރު ފޯރާފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ މި ކަނޑުއޮޅި ބަންދުވެއްޖެނަމަ، މުޅި ދުނިޔޭގެ ހަކަތައިގެ އަގުތަކަށް ބޮޑު ލޮޅުމެއް އަންނާނެއެވެ. އެމެރިކާގެ ޓްރަމްޕްގެ ސަރުކާރުން މީގެ ކުރިންވެސް އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، މިފަދަ މަސްރަހެއްގައި ގަލްފުގެ ގައުމުތަކުގެ އިގްތިސާދީ ރައްކާތެރިކަން އޮތީ ނާޒުކު ފަށެއްގެ މަތީގައެވެ.
Ads by MACL
