އެމެރިކާގެ ރަން ރިޒާވްގައި ރައްކާކޮށްފައިވާ ރަންތައް ހަމައަށް ހުރިތޯ ބަލަން ޓްރަމްޕް ބޭނުންވެއްޖެ
އެމެރިކާގެ ރަން ރިޒާވްގައި ރައްކާކޮށްފައިވާ ރަންތައް ހަމައަށް ހުރިތޯ ބަލަން ބޭނުންވާކަމަށް އަނެއްކާވެސް ޓްރަމްޕް ބުނެފިއެވެ.
އޭނާ މިކަން ހާމަކުރެއްވީ، އެމެރިކާގެ ރަން ރިޒާވް އޮޑިޓްކޮށް އެތަނުގެ ހަގީގީ ހާލަތު ދެނެގަތުމަށް ވައުދުވެވަޑައިގަތްތާ ގާތްގަނޑަކަށް އަހަރެއްވާން ގާތްވެފައި ވަނިކޮށެވެ. މެއި 10 ވަނަ ދުވަހު އިއުލާން ކުރެއްވި ގޮތުގައި، ފޯޓް ނޮކްސްއަށް ޒިޔާރަތްކޮށް އެތަނުގެ ބުލިއަން ޚަޒާނާގެ ރަންތައް އަދިވެސް ހުރިތޯ ކަށަވަރުކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު އަދިވެސް ގެންގުޅުއްވައެވެ.
ކެންޓަކީގައި ހުންނަ ފޯޓް ނޮކްސް އަސްކަރީ މަރުކަޒާ އިންވެގެން ހުންނަ އެމެރިކާގެ ބުލިއަން ޑިޕޮސިޓަރީއަކީ އެ ގައުމުގެ ރަން ރިޒާވްގެ ބޮޑު ބައެއް ބަހައްޓާފައިވާ ތަނެވެ. ނަމަވެސް، އެންމެ ފަހުން އެތަނުގެ ފުރިހަމަ އޮޑިޓެއް ހިންގާފައިވަނީ 1953 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން މިނިވަން މުއައްސަސާއަކުން އެތަނުގެ ރަންތައް ބަލައި ތަހުގީގުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި 2025 ވަނަ އަހަރު ޑޯޖް (DOGE) ގެ ކޯ-ޗެއާގެ މަގާމުގައި ހުންނަވައިގެން އިލޮން މަސްކް ވަނީ، ފޯޓް ނޮކްސްއިން ރަން ވަގަށް ނަގާފައި ނުވާކަން ކަށަވަރުކޮށްދެނީ ކޮން ބައެއްތޯ ސުވާލު އުފައްދާފައެވެ. މަސްކްގެ އިތުރުން އެލެކްސް ޖޯންސް އަދި ސެނެޓަރ ރޭންޑް ޕޯލް ފަދަ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން ވެސް އަންނަނީ ފޯޓް ނޮކްސްގެ ރަންތައް މިނިވަންކަމާއެކު އޮޑިޓް ކުރުމަށް ގޮވާލަމުންނެވެ.
މިހާރު އެތަނުގައި ރަން ހުރިކަމުގެ ހަމައެކަނި ޔަގީންކަމަކީ އެމެރިކާ ސަރުކާރުން ބުނާ ބަހަށް އިތުބާރު ކުރުން ކަމަށްވާއިރު، ހަގީގަތުގައި އެތަނުގައި ރަން ހުރިތޯ ނުވަތަ ނޫންތޯ މިއީ މިހާރު ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމެކެވެ.
ޓްރަމްޕް މިކަން ސާފުކުރަން ފަސްޖެހިވަޑައިގަންނަވަނީ އެތަނަށް ގޮސް ބަލާއިރު ފެންނަ ނަތީޖާއަކުން ސަރުކާރުގެ އަބުރަށް ލިބިދާނެ ގެއްލުމަކަށް ބިރުންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
Ads by MACL
