އިސްރާއީލުން ޔޫއޭއީއަށް އަޔަން ޑޯމް ފޮނުވިކަން އެމެރިކާގެ ސަފީރު ހާމަކޮށްފި
އިސްރާއީލުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމްތަކާއި އެ ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ފަންނީ މީހުން ފޮނުވާފައިވާ ކަމަށް އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ ހާމަކޮށްފިއެވެ.
ހަކަބީ ބުނި ގޮތުގައި އިސްރާއީލާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުމަކީ އާދަޔާ ހިލާފު ވަރުގަދަ ގުޅުމެކެވެ. އަދި މި ގުޅުމަކީ ހަމައެކަނި ޑިޕްލޮމަސީ އާއި ވިޔަފާރީގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނޫން ކަމަށާއި، އަސްކަރީ ގޮތުން ވެސް ދެ ގައުމުން ފުން ގުޅުންތަކެއް ބާއްވަމުން އަންނަކަން އޭނާގެ ވާހަކަތަކުން ވަނީ ދޭހަކޮށްދީފައެވެ.
އިސްރާއީލާއި ޔޫއޭއީގެ މެދުގައި އޮތް މި ގުޅުމުގެ ސަބަބުން ކުރާ ފައިދާތަކަށް ހަކަބީ ތައުރީފު ކުރި ނަމަވެސް، މި އެއްބަސްވުންތަކުގެ ސަބަބުން ޔޫއޭއީ ސަރަހައްދީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާކަން އޭނާ ފާހަގައެއް ނުކުރެއެވެ. މި އަސްކަރީ އެއްބާރުލުމުގެ ސަބަބުން ޔޫއޭއީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން އަމާޒުކޮށްދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.
އިސްރާއީލުގެ އަޔަން ޑޯމް ސިސްޓަމަކީ ފޫއަޅުވާނުލެވޭނެ ވަރުގަދަ ނިޒާމެއް ކަމަށް ބުނި ނަމަވެސް، ޔޫއޭއީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުގެ އައިއާރުޖީސީން ފޮނުވާލި ހަމަލާތައް ވަނީ ކާމިޔާބުކަމާއެކު އެ ތަންތަނަށް އަރާފައެވެ.
އިސްރާއީލާއި އެމިރޭޓްސްއާ ދެމެދު ސީދާ އަސްކަރީ ގުޅުންތަކެއް އޮންނަ ކަމަށް އީރާނުން މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ތުހުމަތުކޮށްފައެވެ. ސަފީރު ހަކަބީގެ މި ވާހަކަތަކާއެކު އެ ތުހުމަތުތަކަށް މިވަނީ އިތުރު ބާރެއް ލިބިފައެވެ.
Ads by MACL
