ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ލަންކާގެ ހާމުދުރެއް ހައްޔަރުކޮށްފި
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސްރީލަންކާގެ އިސް ހާމުދުރެއް ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ފުލުހުން ހައްޔަރުކުރި އިސް ހާމުދުރަކީ، އެ ގައުމުގެ ދީނީ ކަންކަމުގައި ވަރަށް ނުފޫޒުގަދަ އަދި ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ އުމުރުން 71 އަހަރުގެ ޕައްލެގަމަ ހޭމަރަތަނައެވެ.
ހޭމަރަތަނަ ހައްޔަރުކޮށްފައިވަނީ ކޮޅުނބުގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް، ހުސްވި ހޮނިހިރު ދުވަހުއެވެ. އޭނާއަކީ އަނޫރާދަޕޫރާގައި ހުންނަ ދީނީ ގޮތުން ވަރަށް މުގައްދަސް ފައްޅިއެއްގެ އިސްވެރިޔާ ނުވަތަ ޗީފް ޕްރީސްޓެވެ.
Ads by BMLފުލުހުން ބުނާ ގޮތުގައި މި ޖިންސީ ގޯނާގެ ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރު، އޭނާ އިސްކޮށް ހުންނަ އަނޫރާދަޕޫރާގެ ފައްޅީގައެވެ. އަދި މި އަމަލު ހިންގުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އަނިޔާ ލިބުނު ކުއްޖާގެ މަންމަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހޭމަރަތަނަ ގައުމުން ބޭރަށް ފުރުން މީގެ ކުރިން މަނާކޮށްފައިވާއިރު، އޭނާ ހައްޔަރުކުރުން ލަސްވާތީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއާއެކު އަނޫރާދަޕޫރާގެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ހައްޔަރުކޮށް ލަސްނުކޮށް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
ސްރީލަންކާގައި ދީނީ އިލްމުވެރިންގެ ފަރާތުން ކުޑަކުދިންނަށް ކުރާ މިފަދަ ގޯނާތަކުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވީ ނަމަވެސް، މިއީ މިފަދަ ބޮޑު ތުހުމަތެއްގައި އެ ގައުމުގެ އެންމެ އިސް ފަންތީގެ ހާމުދުރެއް ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން، މިދިޔަ މަހު ސްރީލަންކާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން 110 ކިލޯގެ މަސްތުވާތަކެތި (ކެނަބިސް) ފެނުނު މައްސަލައެއްގައި 22 ހާމުދުރަކު ހައްޔަރުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މިއީ އެއާޕޯޓުން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރެވެ.
ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ދީނީ އިސްވެރިންނަކީ މުޖުތަމައުގައި ވަރަށް މަތީ ދަރަޖައެއް ދެވިފައިވާ، އަދި އެމީހުން ބުނާ ކޮންމެ ބަހަކީ ދީނީ ހަގީގަތެއް ކަމަށް ބައެއް އާންމުން ގަބޫލުކުރާ ބައެކެވެ. މި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބައެއް ފަރާތްތަކުން، އާއިލާތަކަށް ދިމާވާ ދަތިތަކުން ސަލާމަތްވުމަށް ނުވަތަ "ބަރަކާތް" ހޯދުމުގެ ނަމުގައި ކުޑަކުދިން ލައްވާ ހަޑިމުޑުދާރު އަމަލުތައް ހިންގުމަކީ ދީނީ ކަމެއް ކަމަށް ދައްކައިގެން ބެލެނިވެރިން މަގުފުރައްދައެވެ.
މިފަދަ ބައެއް ހާދިސާތަކުގައި، ހާމުދުރުންނަކީ ކުށެއް ނުކުރާނެ މުގައްދަސް ބައެއް ކަމަށް ބެލެނިވެރިންނަށް ގަބޫލުކުރެވޭ ވަރުން، އަމިއްލަ ދަރިންނަށް ކުރާ މިފަދަ އަނިޔާތަކަކީ ދީނީ އަޅުކަމެއްގެ ބައެއް ކަމަށް ބުނެ ހިންގާ ޖަރީމާތަކަށް އެއްބާރުލުން ދެވޭ މަންޒަރު ފެނެއެވެ. މިއީ މުޖުތަމައުގައި އޮންނަ ބޮޑު ކުށްހީއެއްގެ ނާޖާއިޒު ފައިދާ ނަގައިގެން، ދީނުގެ ނަމުގައި ހިންގާ ބޮޑު އޮޅުވާލުމެކެވެ.
Ads by MACL
