ބުދަ، 18 ނޮވެމްބަރު 2026
ދުނިޔެ

އީރާން ހަނގުރާމައިގައި ޝީގެ އެހީއެއް ބޭނުމެއް ނޫން: ޓްރަމްޕް

އީރާން ހަނގުރާމައިގައި ޝީގެ އެހީއެއް ބޭނުމެއް ނޫން: ޓްރަމްޕް

އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމަ ނިންމުމަށް ޗައިނާގެ އެހީތެރިކަމެއް ބޭނުންނުވާ ކަމަށާއި، އެމެރިކާއިން އެ ހަނގުރާމަ ކާމިޔާބު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓް ހައުސްއިން ފުރަމުން ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އީރާނުގެ މައްސަލާގައި އެއްވެސް އެހީއެއް ބޭނުންނުވާ ކަމަށެވެ. ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު އީރާނާ ބެހޭގޮތުން ދިގު ވާހަކަތަކެއް ދައްކާނެ ކަމަށް ބުނެ، އީރާން އޮތީ އެމެރިކާގެ ބޮޑު ކޮންޓްރޯލެއްގެ ދަށުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޓްރަމްޕް ޗައިނާގެ ބެއިޖިންއަށް ކުރާ މި ދަތުރަކީ ތިން ދުވަހުގެ ރަސްމީ ޒިޔާރަތެކެވެ. ބުދަ ދުވަހުގެ ހަވީރު އޭނާ ޗައިނާއަށް ދާއިރު، ބުރާސްފަތި ދުވަހު ރަސްމީ ބޭންކުއެޓެއްގައި ބައިވެރިވުމާއި ހުކުރު ދުވަހު ޝީއާ އެކު ބާއްވާ ވޯކިން ލަންޗެއް ހިމެނެއެވެ. މިއީ 2025 އޮކްޓޯބަރުގައި ދެކުނު ކޮރެއާގައި ބޭއްވި އޭޕެކް ސަމިޓަށް ފަހު ދެ ލީޑަރުން ބައްދަލުވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ޗައިނާ ދަތުރެވެ. މި އަހަރުގެ ފަހުކޮޅު ޝީ ވެސް އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

މި ދަތުރު ކުރިމަތިވެފައިވަނީ އީރާން ހަނގުރާމަ ދިގުލައިދިއުމާއި، ހޯރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ އަގު އުފުލި، އިންފްލޭޝަން މަތިވުމާ ގުޅިގެން އެމެރިކާގައި ޓްރަމްޕްގެ މަގުބޫލުކަން ދަށްވެފައިވާ ދަނޑިވަޅެއްގައެވެ. ހޯރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު ސަރަހައްދެކެވެ.

މި ދަތުރުގައި އެންމެ ބޮޑަށް މަޝްވަރާ ކުރާނީ ވިޔަފާރީގެ މައްސަލަތަކަށް ކަމަށް ޓްރަމްޕް ބުންޏެވެ. އެގޮތުން އެމެރިކާގެ ކާނާ އާއި މަތިންދާބޯޓު ޗައިނާއިން ގަތުމުގެ އެއްބަސްވުންތައް ހޯދުމަށް އަމާޒު ހިފާފައިވާއިރު، ޓެސްލާގެ އީލޯން މަސްކް އާއި އެޕަލްގެ ޓިމް ކުކް ހިމެނޭ އެމެރިކާގެ ވިޔަފާރިވެރިންގެ ވަފުދެއް ވެސް ބައިވެރިވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި "ބޯޑް އޮފް ޓްރޭޑް" އެއް އުފައްދައި، މިދިޔަ އަހަރު ޓެރިފް ބޮޑުކުރުމުން ފެށުނު ވިޔަފާރި ހަނގުރާމަ އާއި ރެއާ އާތު މައުދަންތަކުގެ ކޮންޓްރޯލާ ހުރެ އުފެދުނު ނުތަނަވަސްކަން ހައްލުކުރަން އެމެރިކާއިން ބޭނުންވެއެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ތައިވާން މައްސަލަ ވެސް މި ބައްދަލުވުމުގައި ބޮޑު ދައުރެއް އަދާކުރާނެއެވެ. ޓްރަމްޕް ބުނި ގޮތުގައި ތައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ދިނުމުގެ ހުއްދަ ލިބިފައިވާ މައްސަލާގައި ޝީއާ މަޝްވަރާ ކުރާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު ޗިޕް އުފައްދާ ގައުމަށް ވުމުން، އޭއައި ތަރައްގީ ކުރުމުގައި އެމެރިކާއަށް މިހާރު ޗައިނާއަށް ވުރެ ތައިވާން މުހިންމެވެ.

ޓްރަމްޕްގެ ދަތުރުގެ ކުރިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ބެއިޖިންއަށް ވަޑައިގެންފައެވެ. ޗައިނާއަކީ އީރާނުގެ އެންމެ ބޮޑު ތެޔޮ ގަންނަ ގައުމަށް ވާއިރު، ހަނގުރާމައިގެ ތެރޭގައި ވެސް ދެ ގައުމުގެ ގުޅުން ވަނީ ދަމަހައްޓާފައެވެ. އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ އާއި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ ކަނޑުއޮޅި ހުޅުވަން އީރާނަށް ޕްރެޝަރު ކުރަން ޗައިނާއަށް ގޮވާލާފައެވެ. ނަމަވެސް އެމެރިކާގެ ސޭންކްޝަންތަކަށް ނުބަލައި އީރާނާއެކު ވިޔަފާރި ކުރަން ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގެ ކުންފުނިތަކަށް އަންގާފައެވެ.

މިދިޔަ މަހު ޗައިނާއިން އީރާނަށް އެއާ ޑިފެންސް ސިސްޓަމް ފޮނުވަން އުޅޭ ކަމުގެ ޚަބަރާ ގުޅިގެން ޓްރަމްޕް ޗައިނާއަށް 50 އިންސައްތައިގެ ޓެރިފް އަޅާނެ ކަމުގެ އިންޒާރު ދިނެވެ. ނަމަވެސް ޝީގެ ލިޔުމުން ލިބުނު ޔަގީންކަމަކާއެކު އެ ނިންމުން އަނބުރާ ގެންދިޔުމަށް ފަހު، އެމެރިކާ ނޭވީން ވަނީ އީރާނަށް އެއްޗެހި ގެންދިޔަ ޗައިނާގެ އުޅަނދެއް ހުއްޓުވާފައިވާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

މިވަގުތު ވޮޝިންޓަން އާއި ތެހެރާނާ ދެމެދު އޮތް މަޝްވަރާތައް ވަނީ ހުއްޓިފައެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވައި ކަނޑުއޮޅި ހުޅުވުމަށެވެ. ނަމަވެސް އީރާނުން ޝަރުތު ކުރަނީ ހަނގުރާމައިގެ ބަދަލު ހޯދުމަށާއި، ބްލޮކޭޑް ނިންމުމަށާއި، ލުބުނާނުގައި ހިޒްބުالله އާ ދެކޮޅަށް އިސްރާއީލުން ކުރާ ހަމަލާތައް ހިމެނޭ ގޮތަށް ހުރިހާ ފްރަންޓެއްގައި ހަނގުރާމަ ހުއްޓާލުމަށެވެ. ޓްރަމްޕް ވަނީ އީރާނުގެ މި ޝަރުތުތަކަކީ އެއްވެސް އަގެއް ނެތް "ކުނި" ކަމަށް ބުނެފައެވެ.