ޕީއެންސީ އަށް ބަދަލުވި އަމިއްލަ މެންބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަނީ
އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުނު އަށް މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި މައްސަލަ ކޯޓަށް ގެންދަން ނިންމެވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށާއި، އެ ބޭފުޅުންގެ މައްސަލަ އެންމެ މަތީ ކޯޓަށް ހުށަހެޅުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ.
އަލީ ހުސެއިން މި ފިޔަވަޅު އަޅުއްވަން ނިންމެވީ، އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އޭނާ ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ މައްސަލާގައި އޭނާ ކުރިން އެދިވަޑައިގެންފައިވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުންނަށް އެ އިސްލާހު ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު، މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް ހިނގާނެ ކަމަށެވެ. އަދި އެ އިސްލާހު ތަސްދީގު ކުރި ފަހުން މިހާރުގެ މެންބަރުންގެ މައްޗަށް އެ ގާނޫނު ހިންގުމުގައި އެއްވެސް ހިލާފެއް ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.
އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް އާއި، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް، ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވެސް ވަނީ އަމިއްލަ ގޮތުން ހޮވިވަޑައިގަތުމަށް ފަހު ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
Ads by MACL
