ބުދަ، 18 ނޮވެމްބަރު 2026
ސިޔާސީ

ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ރަސްމީކޮށް ސޮއިކޮށްފި

ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެންސީ.
ޕީއެންސީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެންސީ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީ ގުޅިގެން ސިޔާސީ ގޮތުން މަސައްކަތްކުރުމުގެ ރަސްމީ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ބާސެލޯގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝައިޚް މުޙައްމަދު ޝިފާނެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ކެބިނެޓު ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ އިތުރުން ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕީއެންސީއާ އިއްތިޙާދުވުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދާދިފަހުން ނިންމުމާ ގުޅިގެންނެވެ.

އަދާލަތު ޕާޓީން ނެރުނު ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕީއެންސީއާ ގުޅިގެން މަސައްކަތްކުރުމަށް ނިންމީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ އިތުރުން، އިޤްތިޞާދު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ސިޔާސީ އެއްބާރުލުން ބޭނުންވާތީއެވެ. އަދި އިސްލާމީ އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއެރުވުމާއި، ޤައުމީ އެއްބައިވަންތަކަމާއި ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށް އެކުގައި މަސައްކަތްކުރުމަކީ މި ވަގުތު ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް އެ ޕާޓީން ދެކޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.