އަޅުގަނޑާއި ރައީސް މުޢިއްޒަކާ ނުޖެއްސޭނެ؛ އިދިކޮޅަށް އެ ފުރުޞަތެއް ނުދޭނަން: ޢަބްދުއްރަޙީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުން ހީނަރުކޮށް، ދެ ބޭފުޅުން ޖެއްސުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުލިބޭނެ ކަމަށާއި، ޕީއެންސީގެ އެތެރޭގައި ބައިބައިވުން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް އެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވެސް ތިއްބެވީ ޤައުމީ އެއްބަސްވުމެއްގެ މަތީގައި ސާބިތުވެވަޑައިގެން ކަމަށެވެ. އަދި މި ވިސްނުމުގައި މަސައްކަތް ކުރައްވާއިރު، އަމިއްލަ ފަރުދީ ހިތްހަމަނުޖެހުންތަކަށް ވުރެ އަބަދުވެސް އިސްކުރައްވަނީ ޤައުމީ މަޞްލަޙަތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ބޭފުޅުންގެ ގުޅުމާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނާ ދެމެދު ޙައްލުނުކުރެވޭ ވަރުގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވާފައި ވާނެ ކަމަށެވެ.
Ads by BML"އަޅުގަނޑު މިއަދުވެސް މި ދަންނަވަނީ ވަރަށް ކެރިގެން، އަޅުގަނޑުމެން ދެ މީހުންނެއް ނުޖެއްސޭނެ. ވަރަށް އެކީގައި މިތިބީ. ވަރަށް ވަރުގަދައަށް އަޅުގަނޑުމެންގެ ގުޅުން އެބަ އޮތް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ވާދަވެރިން އެންމެ ބޮޑަށް އެދޭނީ ޕީއެންސީގެ އެތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރު ބަލިކަށިކުރުމަށްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް އެފަދަ އެއްވެސް ފުރުޞަތެއް ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އަދި ސިޔާސީ ކޯޅުންތަކަށް ވުރެ ޤައުމުގެ ޙައްޤު މާ މުހިންމުވެފައި، ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
Ads by MACL
