ސުމަކުން ފައްޓަވައި، ބަނގުރޫޓުވެފައި އޮތް ޤައުމެއް ރައީސް މުޢިއްޒު ކޮޅަށް ޖައްސަވައިފި: ނައިބު ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ބަނގުރޫޓުވެފައި އޮތް ޤައުމެއް ސުމަކުން ފައްޓަވައިގެން ނަންގަވައި ކޮޅަށް ޖައްސަވައި، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޙާލަތު އެއްކޮށް ބަދަލުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްގެ "ހަފްތާ 156" ޕްރޮގްރާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ޤައުމު ޑިފޯލްޓްވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށެވެ. އަދި އިޖުތިމާޢީ ފޭރާން ހަލާކުވެ، ޒުވާނުންގެ ކުރިމަގު ބަނަވެފައި އޮތުމުން ސަރުކާރުގެ މަސައްކަތްތައް ފައްޓަވަން ޖެހިވަޑައިގަތީ ސުމަކުން ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާއި ހިކްމަތްތެރިކަމާއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވެ، ނައިބު ރައީސް ވަނީ ދުނިޔޭގެ ކްރެޑިޓް ރޭޓިންގ އިދާރާތަކުން ރާއްޖެއަށް ދޭ ރޭޓިންގ ރަނގަޅުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި، ބައިނަލްއަޤްވާމީ ބޭންކުތަކުގެ ދޮރުތައް ރާއްޖެއަށް ހުޅުވިގެން ގޮސްފައިވާ ކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ދުނިޔޭގެ މަސްރަޙުގައި ހިނގާ ހަނގުރާމަތަކާއި އިޤްތިޞާދީ ގޮންޖެހުންތަކުގެ ނުސީދާ އަސަރު ކުރަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް އުނިކަމެއް ނާންނާނެހެން ރައީސް ޑރ. މުޢިއްޒު ކަންކަން އިންތިޒާމު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
Ads by BMLޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތާއި ޒުވާން ޚަޠީބުންގެ ޕްރޮގްރާމަކީ އެ ދާއިރާއިން އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ޒުވާނުންނަށާއި ކުދި ވިޔަފާރިތަކަށް ޚާއްޞަ ލޯނުތައް ދޫކުރުމާއި، އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށްދެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by MACL
