ބޭރުގެ އިންވެސްޓްމަންޓްތަކާއެކު އިގްތިސޯދު ވަރުގަދަވުމުން ގައުމުގެ އިސްތިގުލާލު އިތުރަށް ހިމާޔަތްކުރެވޭނެ: ނަޝީދު
ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ނާންނާނެ ކަމަށާއި، އޭގެ ބަދަލުގައި އެކަމުގެ ސަބަބުން އިގްތިސޯދު ބާރުވެރިވެ، ގައުމުގެ އިސްތިގުލާލު ދިފާއުކުރުމުގެ ގާބިލުކަން އިތުރުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާ ނަޝީދު ވަނީ ސިންގަޕޫރާއި ދެކުނު ކޮރެއާ ފަދަ ގައުމުތަކުން މިސާލު ނަންގަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އެ ގައުމުތަކުން ބައިނަލްއަގުވާމީ މައިދާނުގައި އުސްމިންތަކަށް ވާސިލުވެ، އިސްތިގުލާލު ރައްކާތެރިކުރުމުގެ ބާރު ހޯދީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލައިގެން އިގްތިސޯދު ވަރުގަދަކޮށްގެންނެވެ.
އިސްތިއުމާރީ ބާރުތަކުގެ ދަށުގައި އޮތުމަށްފަހު މިނިވަންކަން ހޯދި ގައުމުތަކުގެ ތެރެއިން ހަގީގީ ތަރައްގީ ހާސިލުކުރެވުނީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Ads by BMLނަމަވެސް، ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ގައުމުގައި ހުރި ރޯ މެޓީރިއަލް ބޭރުކުރުމަށް އޮންނަ ކަމަކަށް ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ގައުމުގެ އެތެރޭގައި އެ ތަކެތި ޕްރޮސެސްކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާ ފަދަ އިންވެސްޓްމަންޓްތަކަށް ވުން ކޮންމެހެން ލާޒިމް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ދާދި ފަހުން ގަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ގަރާރުގައި ބުނެފައިވަނީ ސަރުކާރުން އެ ވޯޓު ނުނަގާނަމަ އެމްޑީޕީން މަގުމައްޗަށް ނުކުންނާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުންތައް ސަރުކާރުން ހާމަނުކުރާތީއާއި ރައްޔިތުންގެ ބައިވެރިވުން ނެތް ކަމަށް ބުނެ އެމްޑީޕީގެ ގިނަ މެންބަރުން އެ މަޝްރޫއާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް، ރައީސް ނަޝީދު ގެންދަވަނީ އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.
މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫއު ހިންގުމަށްޓަކައި އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
Ads by MACL
